ރާއްޖެއާއި ރާއްޖޭން ބޭރުގައި އިވެންޓް މެޏޭޖުކުރުމަށް ޚާއްސަ ދިވެހި ކުންފުނި، ހައިރައިޒް އާއި ޕައިލެޓުން ތަމްރީން ކުރާ އެކަޑަމީއެއް ކަމަށްވާ، ފިލިޕީންސްގެ ރޯޔަލް އޭވިއޭޝަން އެކަޑަމީ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

މި ނެޓްވޯކިން އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައެވެ. މި އިވެންޓުގައި ރޯޔަލް އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް ކެޕްޓަން މަދޫ ޕުލިޔަން ކަލަތު، ކުއަލިޓީ ކޮންޓްރޯލް އެންޑް އެޝުއަރެންސްގެ ހެޑް ކެތީ ކަބަލަޓުންގަން އަދި ހެޑްއޮފް މާކެޓިންގް އެން ސޭލްސް ކެޕްޓަން ޖޮޔަންސް އަންބުމާނީ ވާހަކަ ދައްކާނެއެވެ.

ރޯޔަލް އޭވިއޭޝަން އެކަޑަމީއަކީ ޕީޕީއެލް، ސީޕީއެލް، މަލްޓި އިންޖީން، އޭޓީޕީއެލް ތިއަރީ އަދި ގްރައުންޑް (ޕްރޯޒަން އޭޓީޕީއެލް)، ފްލައިޓް އެންޑް ގްރައުންޑް އިންސްޓްރަކްޓަ ކޯހުން ފެށިގެން ދަރިވަރުންނަށް ލައިސަންސް ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ އެކަޑެމީއެކެވެ. އަދި މި އެކަޑަމީއަކީ ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ދީފައިވާ، ޕައިލެޓުން ތަމްރީނު ހޯދުމަށް މަގުބޫލުކަން ހޯދަމުން އަންނަ ޓްރެއިނިން އެކަޑަމީއެކެވެ.

ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަނީ --- ފޮޓޯ/ ހައިރައިޒް

ރޯޔަލް އެކަޑަމީގައި ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުން ކުރުމަށް 20އަށް ވުރެ ގިނަ އެއާކްރާފްޓްގެ ފްލީޓެއް އޮވެއެވެ. މިއީ މަލްޓި އިންޖީނު އެއާކްރާފްޓްތަކާ އެކުގައެވެ. ރޯޔަލް އޭވިއޭޝަން އެކަޑަމީން ބުނީ އެ އެކެޑަމީން އަންނަނީ މެދުކެނޑުމެއްނެތި އެ އެކަޑަމީގެ ދަރިވަރުންނަށް އެންމެ ފުރިހަމަ ތަމްރީނު ތަޖުރިބާ ހޯދައިދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ރޯޔަލް އޭވިއޭޝަން އެކަޑަމީން ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ފިޖީ، ޖަޕާން، ވިއެޓްނާމް، އޮސްޓްރޭލިއާ، ފްރާންސް، ސައުދީ އަރަބިއްޔާ، ޔޫއޭއީ، އޮމާން، ޕަޕުއާ ނިއުގިނީ، މެލޭޝިއާ ،އީރާން، ދެކުނު ކޮރެއާ، ފިލިޕީންސް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

ރޯޔަލް އޭވިއޭޝަން އެކަޑަމީގައި 80 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުންދާއިރު، މި އަހަރުގެ ދިރާސީ އަހަރަށް އެކި އިންޓޭކްތަކަށް 50 އަށް ވުރެ ގިނަ ދަރިވަރުން މިހާރު ވަނީ އެޑްމިޝަން ހޯދާ އެންރޯލުވެފައެވެ.

ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަނީ --- ފޮޓޯ/ ހައިރައިޒް

"ހައިރައިޒްއާ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބޭއްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ރޯޔަލް އެކަޑަމީގައި މިހާ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޕައިލެޓް ޓްރެއިން ހަދަމުން ދާ ދަނޑިވަޅެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް މިދަރިވަރުންގެ ބެލެނިވެރިންނާއި އޭވިއޭޝަން ޕްރޮޕެޝަނަށް ޝައުގުވެރިވާ ދިވެހި ކުދިންނަށް ބައްދަލު ކޮށްލަން ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" ރޯޔަލް އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިން ކެޕްޓަން މަދޫ ޕުލިޔަން ކަލަތް ވިދާޅުވިއެވެ.

މިއިވެންޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކޮންމެ ފަރާތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް އޮންލައިންކޮށް ރެޖިސްޓަވާ ފަރާތްތަކަށް އިސްކަން ދިނުމަށް ވަނީ ނިންމާފައެވެ. އެ އިވެންޓުގައި އެ އެކެޑަމީންލިންކުމެދުވެރިކޮށް ރަޖިސްޓާ ވެވޭނެއެވެ.