އިންޑިއާގައި އެޕަލްގެ ފިހާރައެއް ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ.

އެޕަލްގެ ފިހާރަ ހުޅުވާފައި ވަނީ މުމްބާއީގެ ޖިއޯ ވޯލްޑް ސެންޓަރުގައެވެ. އެ ކުންފުނިން ވަނީ އަންނަ ބުރާސްފަތި ދުވަހު ދިއްލީގައި ވެސް އިތުރު ފިހާރައެއް ހުޅުވަން ތައްޔާރުވެފައެވެ.

އެ ފިހާރަ ހުޅުވައި ދިނީ އެޕަލްގެ ސީއީއޯ ޓިމް ކުކް އެވެ. އަދި ދިއްލީގައި ވެސް ފިހާރަ ހުޅުވައިދޭނީ އޭނާއެވެ.

އެޕަލްގެ އުފެއްދުންތަކަށް ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް، އެ ކުންފުނިން ދަނީ އިންޑިއާގައި އައިފޯން އުފައްދާ މިންވަރު މިހާރު އިތުރުކުރަމުންނެވެ.

އިންޑިއާގައި މިހާރު އުފައްދަނީ ދުނިޔޭގެ ބާޒާރަށް ނެރޭ އައިފޯންތަކުގެ ފަސް ޕަސެންޓް ފޯންތަކެވެ.

އެޕަލްއިން އިންޑިއާގައި އެ ކުންފުނީގެ ފިހާރަތައް ހުޅުވަން މަސައްކަތް ކުރާތާ މިހާރު ދިގު މުއްދަތެއް ވެއްޖެއެވެ. އެ ކުންފުނިން އެންމެ ފުރަތަމަ ފިހާރަ ހުޅުވަން މަސައްކަތް ކުރީ 2021ގައި ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެ މަސައްކަތަށް ހުރަސް އެޅުނީއެވެ.

އިންޑިއާގެ މުމްބާއީގައި ހުޅުވި އެޕަލް ފިހާރަ -- ފޮޓޯ/ އެޕަލް

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން ސްމާޓްފޯން ބޭނުންކުރާ ގައުމު ކަމަށްވާ އިންޑިއާގައި އެޕަލްގެ ވިޔަފާރި އިތުރަށް ފުޅާކުރަން އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންޑިއާގެ ސްމާޓްފޯން ބާޒާރުގައި އައިފޯން ހިއްސާ ކުރަނީ ހަ ޕަސެންޓެވެ.

އެގައުމުގައި އެންމެ ގިނައިން ބޭނުންކުރަނީ ސެމްސަންގާއި ޗައިނާގެ ކުންފުނިތައް ކަމަށްވާ ޝައޯމީ އާއި ވީވޯ ބްރޭންޑުގެ ފޯންތަކެވެ. އެޕަލްގެ އުފެއްދުންތައް މާ އަގުބޮޑު ކަމަށް އިންޑިއާގެ ގިނަ ބަޔަކު ދެކެއެވެ.

އިންޑިއާގެ ސަރުކާރުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގައި ދާއިމީ ވަޒީފާއެއް އަދާ ކުރާ މީހެއްގެ އެވަރެޖް މުސާރައަކީ މަހަކު 226.5 ޑޮލަރެވެ. އެއާ އަޅާބަލާއިރު އައިފޯން 14އިގެ ފެށޭ އަގަކީ 973.6 ޑޮލަރެވެ. އަދި އެޕަލްގެ އަގު ހެޔޮ މޮޑެލްއެއް ކަމަށްވާ އައިފޯން އެސްއީގެ ފެށޭ އަގަކީ 608.2 ޑޮލަރެވެ.

އެޕަލްއިން މިހާތަނަށް އެ ކުންފުނީގެ އުފެއްދުންތައް އިންޑިއާގައި ވިއްކަމުން ދިޔައީ އޮންލައިންކޮށް ނުވަތަ އެގައުމުގައި އެފަދަ އުފެއްދުންތައް ވިއްކާ އެހެން ފަރާތްތައް މެދުވެރިކޮށްގެންނެވެ.