އާބަންކޯއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނީ އެ ޕްރޮގްރާމްގެ ބޭނުމަކީ އާ ހުނަރުތައް ތަރައްގީކުރުމާއި، ވަކި މަސައްކަތުގެ ދާއިރާތަކުން ޚާއްސަވުމަށް އެދޭ ފަރާތްތަކަށް ތައުލީމުގެ އިތުރަށް މަސައްކަތު މާހައުލުން ތަމްރީން ހޯދައިދިނުން ކަމަށެވެ. މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ފުރުސަތު ހުޅުވާލާފައި ވަނީ ހަ ދާއިރާއަކުންނެވެ.

އެ ޕްރޮގްރާމުގައި 100 ބައިވެރިންނަށް ބައިވެރިވެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ. އެއީ އާންމުންގެ ތެރެއިން 82 މީހުންނާ އާބަންކޯގެ މުވައްޒަފުންނަށް ޚާއްސަކުރެވިފައިވާ 18 ޖާގައެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ދާއިރާތަށް:

- ފިޝަރީޒް އެންޑް އެގްރިކަލްޗާ

- ސޯޝަލް ސެކްޓަރު

- އައިސީޓީ

- ޓްރާންސްޕޯޓް ސެކްޓަރު

- ޓުއަރިޒަމް ސެކްޓަރު

- ކޮންސްޓްރަކްޝަން ސެކްޓަރު

އެ ކުންފުނިން ބުނީ މި ހަ ދާއިރާގެ ދަށުން، ތަފާތު އެކި ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނިފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި 12 މަސައްކަތް ހިމެނިގެންދާއިރު، ދަނޑުވެރިކަމާއި، ކޮމްޕިއުޓާ ހާޑްވެއާ، ހެވީ ވެހިކަލް އޮޕަރޭޝަންސް، އަދި ވެލްޑިންއާއި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒިން ފަދަ އާންމުކޮށް ދިވެހީން ނުފެންނަ މަސައްކަތްތަކުން ތަމްރީން ހޯދުމުގެ ފުރުސަތު ލިބޭނެކަން އާބަންކޯއިން ފާހަގަކުރެއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މި ދާއިރާތަކުން ތައުލީމުގެ އިތުރަށް ވަޒީފާގެ ތަޖުރިބާ ވެސް ލިބޭނެއެވެ. ހަ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި ޚާއްސަ އެލަވަންސެއްގެ ގޮތުން ކޮންމެ ބައިވެރިއަކަށް 6،000 ރުފިޔާ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އާބަންކޯއިން ބުނީ، މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މި ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓު ލިބުމާއެކު، ހޮވޭ ފަރާތްތަކަށް އާބަންކޯގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ ކަން އެ ކުންފުނިން ފާހަގަކުރެއެވެ.