ކެންބެރާ (މާޗް 23): މަކަރުހެދުމާއި ޖިންސީ ފަޟީޙަތްތަކަކާ ގުޅިގެން އޮސްޓްރޭލިޔާގެ ޕާލަމެންޓްގެ ރައީސް ޕީޓާ ސެލީބާ މަޤާމުން ދުރަށް ޖެހިވަޑައިގެންފި އެވެ.

ސެލީބާގެ މައްޗަށް ކުރެވޭ ޖިންސީ ތުހުމަތުތަކުގެ ދަޢްވާ ކޯޓަށް ހުށަހެޅީ އޭނާގެ ރަހްމަތްތެރިއެކެވެ. ސެލީބަރގެ މައްޗަށް ކުރެވިފައިވާ ޖިންސީ ތުހުމަތުތަކުގެ ތެރޭގައި ޖިންސީގޮތުން ގޯނާކުރުމުގެ ބަސްތަކެއް އެކުލެވޭ މެސެޖްތަކެއް ޕާލަމެންޓްގައި ކުރިން މަސައްކަތް ކުރި މުވައްޒަފަކަށް ފޮނުވުން ހިމެނެ އެވެ. މީގެ އިތުރުން ސަރުކާރުން ފަންޑްކުރާ ޕަބްލިކް ސެކްޓަގެ ޚިދްމަތްތައް ބޭނުންކުރެއްވުމުގައި މަކަރު ހެއްދެވިކަމުގެ ތުހުމަތުު ސެލީބަރގެ މައްޗަށް ކުރެވޭ މައްސަލައެއް ވެސް އޮސްޓްރޭލިޔާގެ ފުލުހުން ގެންދަނީ ބަލަމުންނެވެ.

ސެލީބާ ވަނީ މިތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. މިތުހުމަތުތަކާ ގުޅިގެން ނެރުއްވި ބަޔާނުގައި ސެލީބާ ވަނީ މިއީ އަސާސެއް ނެތް ދޮގުތުހުމަތުތަކެއް ކަމަށް ސިފަކުރައްވާފަ އެވެ. މަޤާމުން އަމިއްލައަށް ދުރުވެވަޑައިގަތީ މިމައްސަލަތައް ތަހުގީގު ކުރެވެންދެން ކަމަށާއި ތަޙުގީގުތައް އޭނާއަކީ ކުށެއްނެތް މީހެއްކަން ސާބިތުވާނެ ކަމަށް ވެސް ސެލީބާ ވިދާޅުވި އެވެ. ތަޙްޤީޤްތަކުން ކުށެއްނެތް ކަން ސާބިތުވުމުން އަލުން އަނބުރައި މަޤާމާ ޙަވާލުވެވަޑައިގަންނަވާނެ ކަމަށާއި މަޤާމުން އިސްތިއުފާ ދެއްވުމުގެ ބަދަލުގައި ވަގުތީގޮތުން މަޤާމާ ދުރަށް ޖެހިވަޑައިގަތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސެލީބާ ނިސްބަތްވެވަޑައިގަންނަ ވަނީ އޮސްޓްރޭލިޔާގެ ބޮޑުވަޒީރާ ޖޫލިޔާ ގިލާޑްގެ ޕާޓީއަށެވެ. ސެލީބަރގެ މައްޗަށް ކުރެވިފައިވާ މިތުހުމަތުތަކުގެ ސަބަބުން ޖޫލިޔާގެ ސަރުކާރަށް ސިޔާސީ ގޮތުން ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް އޮސްޓްރޭލިޔާގެ ނޫސްތައް ބުނެ އެވެ. (ބީ.ބީ.ސީ)