18 Apr 2023, 15:03
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަން "އާބަންކޯ"އަށް ބަދަލުކޮށް އެ ކުންފުނި ރީބްރޭންޑް ކުރަން، މިހާތަނަށް 1.2 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެ ކުންފުނިން ބުނީ އެޗްޑީސީ ރީބްރޭންޑްކޮށް، ކުންފުނީގެ ނަން، މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ބަދަލުކޮށް، ބްރޭންޑް ނަމަކަށް އާބަންކޯ ކިޔަން ނިންމާފައިވަނީ 2021 ވަނަ އަހަރުގައި ކަމަށެވެ.
ރީބްރޭންޑް ކުރުމާ ގުޅޭ ތަފްސީލުތައް ހިއްސާކޮށް އެ ކުންފުނިން ބުނީ އާބަންކޯގެ ބްރޭންޑިން އިމްޕްލިމެންޓް ކުރުމަށް މިހާތަނަށް 1،284،291 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުރުމުގައި ވީހާވެސް ޚަރަދު ކުޑަކޮށް ބޭނުންވާ ތަކެތި ހޯދަން އިސްކަންދީފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ.
އާބަންކޯއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އެ ކުންފުނީގެ ދިދަ ޓެންޓް އަދި ޑިސްޕްލޭ ބެނާ ސްޓޭންޑް ހެދުމަށެވެ. އެކަމަށް 353،008 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ގަލަމާއި، ނޯޓް ފޮތް އަދި ފެންބޯ މަގަށެވެ. އެކަމަށް ޚަރަދު ކޮށްފައިވަނީ 279،000 ރުފިޔާއެެވެ.
އޭގެ އިތުރުން މައި ނަންބޯޑާއި ޑިޕާޓްމަންޓުތަކުގެ ނަން ބޯޑުގެ އިތުރުން ވިޑިއޯގްރަފީއަށް ވެސް ޚަރަދުކޮށްފައިވެއެވެ. އާބަންކޯއިން ބުނީ ބްރޭންޑް އިތުރަށް އިޝްތިހާރު ކުރުމަށް 150،000 ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އޭގެ އިތުރުން ސްޓާފް ބަސް، ސްޕީޑް ބޯޓް އަދި ފެރީގެ ބްރޭންޑިންއާ އެހެނިހެން ކަންކަން ހިމެނޭހެން އިތުރަށް 487،000 ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އާބަންކޯއިން ބުނީ އެހެންކަމުން، ރީބްރޭންޑް ކުރުމަށް ޖުމްލަ 1.7 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭކަމަށެވެ. ނަމަވެސް ތަކެތި ހޯދުމުގައި އެ ކޯޕަރޭޝަނުން ހިފަހައްޓާ މިންގަނޑުތަކުން ޚަރަދުތައް ކުޑަކުރެވިގެންދާނެތީ އެ އަދަދު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.
އާބަންކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ މިހާރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ސަރުކާރުގެ ވިސްނުމާ އެއްގޮތަށް، ކައުންސިލްތަކާ ގުޅިގެން ގެނެވެން ހުރި ތަރައްގީގެ މަސައްކަތްތައް ބަލައި ލިބިފައިވާ ތަޖުރިބާ އާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުން ކަމަށެވެ.