ދާކާ (18 އެޕްރީލް 2023): ބަންގްލަދޭޝްގައި ނިއުކްލިޔާ ހަކަތައިން ކަރަންޓް އުފެއްދުމަށްޓަކައި ނިއުކްލިޔާ ރިއެކްޓަރެއް ބިނާކުރުމުގެ އެއްބަސްވުމެއްގައި އެގައުމުން ރަޝިއާއާއެކު ސޮއިކޮށްފިއެވެ.

ބަންގްލަދޭޝްގެ މާލީ ވުޒާރާއާ ހަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ "ބިޒްނަސް ސްޓޭންޑަޑް" ބުނާގޮތުން މިއީ އެމެރިކާ ޑޮލަރުން އަގުކުރާނަމަ 12.6 ބިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ. މިރިއެކްޓަރު ބިނާކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ރަޝިއާގެ ނއުކްލިޔާ އިންޖިނޭރިންގް އާބެހޭ މަޝްހޫރު ކުންފުނި "ރޮސްޓޮމް" އެވެ.

"ރޮސްޓޮމް"އަކީ އީރާނުގައިވެސް ނިއުކްލިޔާ ރިއެކްޓަރާއި ލެބޯޓްރީތައް ބިނާކޮށްދީފައިވާ އަދި ތުރުކީއާއި ސައޫދީގައިވެސް ނިއުކްލިޔާ ރިއެކްޓަރުތައް މިހާރުވެސް ބިނާކޮށްދެމުން ގެންދާ ވަރަށް ތަޖުރިބާކާރު ނިއުކްލިޔާ އިންޖިނޭރިންގް ކުންފުންޏެކެވެ.

ރަޝިއާގެ ނިއުކްލިޔާ އިންޖިނޭރިން ކުންފުނި ކަމަށްވާ ރޮސްޓޮމް އިން ބިނާކުރާ ނިއުކްލިޔާ ރިއެކްޓަރ މަޝްެރޫއެއްގެ (ނިއުކްލިޔާ އިންޖީނުގެއެއް) ގެ ކުރެހުމެއް

"ބިޒްނަސް ސްޓޭންޑަޑް" ނޫސް ބުނާގޮތުން 12.6 ބިލިޔަން ޑޮލަރުގެ މިމަޝްރޫއުގެ ޕޭމަންޓްތައް އަދާކުރާނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާކަމަށްވާ ޔުވާން އިންނެވެ. މިމަޝްރޫއަށް ބޭނުންވާ ފައިސާ (ޔުވާން) ދިގުމުއްދަތުގެ ލޯނެއްގެ ގޮތުގައި ބަންގްލަދޭޝްއަށް ދޭނީ ޗައިނާގެ ބޭންކަކުންނެވެ.

ރަޝިއާވަނީ ޔުވާންއިން މިމަޝްރޫއުގެ އަގު އަދާކުރުމަށް އެއްބަސްވެފައެވެ. މިއީ އެމެރިކާ ޑޮލަރު އެއްފަރާތްކޮށް އޭގެ ބަދަލުގައި ޗައިނާގެ ޔުވާންއާއި ރަޝިއާގެ ރުބެލްފަދަ ފައިސާ ބޭނުންކޮށްގެން ބައިނަލްއަގްވާމީ ވިޔަފާރީގެ ޕޭމަންޓްތައް ހެދުމަށް ޗައިނާއާއި ރަޝިއާ އެއްބަސްވެފައިވާ ސްޓްރެޓީޖިކް އެއްބަސްވުމުގެ ދަށުން ކުރިޔަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

މިފައިސާ އެމެރިކާ ޑޮލަރުން އަދާކުރަން ނުޖެހޭތީ ޗައިނާއާއި ބަންގްލަދޭޝް އާއި ރަޝިއާއަށްވެސް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ރަޝިއާގެ މިޑިއާ ބުނެއެވެ. ރަޝިއާއިން ބަންގްލަދޭޝްގައި ބިނާކުރާ ނިއުކްލިޔާ ރިއެކްޓަރަކީ ގާތްގަނޑަކަށް ހަ ހާސް މެގަވޯޓުގެ ކަރަންޓް އުފައްދައިދޭ ނިއުކްލިޔާ އިންޖީނުގެއެކެވެ.

ރަޝިއާއަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމެކެވެ. އެމެރިކާ ޑޮލަރުން އަގު އަދާކުރާނަމަ ރަޝިއާއަށް ކުރިމަތިވާނެ ދަތިކަމަކީ އެމެރިކާގެ މާލީ ނިޒާމުކަމަށްވާ ސްވިފްޓް ނިޒާމުގެ ތެރެއިން މި މަޝްރޫއުގެ ޕޭމަންޓްތައް އަދާކުރެވޭނެ ގޮތެއް ނެތުމެވެ.

ރަޝިއާގެ ނިއުކްލިޔާ ޕްލާންޓެއް

ބަންގްލަދޭޝްއަށް ބަލާއިރު ޑޮލަރުން މިވަރުގެ ބޮޑު މަޝްރޫއެއްގެ އަގު އަދާކުރަން ބަންގްލަދޭޝްއަށް ވަރަށް ދައްޗެވެ. އެއީ އެގައުމަށް ޑޮލަރު ލިބޭ މިންވަރު މަދުކަމުންނާ އަދި އެހެން ގައުމުތަކާއެކު ކުރާ ވިޔަފާރީގައި ޑޮލަރު ބޭނުންކޮށްގެން ވިޔަފާރީގެ ޕޭމަންޓްތައް ހަދަންޖެހޭތީއެވެ.

ބަންގަލަދޭޝްއަކީ ޗައިނާއަށް ގިނަ އަދަދަކަށް ފޮއްޗާއި ތައްޔާރީ ހެދުން (ޓެކްސްޓައިލް) އެކްސްޕޯޓް ކުރާ ގައުމަކަށްވާއިރު އޭގެ ބައެއް ޕޭމަންޓްތައް މިހާރު ޗައިނާ މިހާރު އަދާކުރަނީ އެގައުމުގެ ފައިސާކަމަށްވާ ޔުވާން އިންނެވެ. އެހެންކަމުން ބަންގްލަދޭޝް އިން ޗައިނާއިން ނަގާ ޔުއާން ލޯނަށް ޔުއާން އިން ޕޭމަންޓްތައް ދެއްކުމަކީ ބަންގްލަދޭޝްއަށް ފަސޭހަކަމެކެވެ.

އަނެއްކޮޅުން ރަޝިއާއިން ޗައިނާއާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި މިހާރު ޔުއާން ބޭނުންކުރާތީ މިމަޝްރޫއުގެ އަގު ޔުއާން އިން ލިބުމަކީ ރަޝިއާއަށް އެއްވެސް މައްސަލައެއް ނޫނެވެ.

"ބިޒްނަސް ސްޓޭންޑަޑް" ނޫސް ބުނާގޮތުން ރަޝިއާއިން ބަންގަލަދޭޝްގައި ބިނާކޮށްދޭ ނިއުކްލިޔާ އިންޖީނުގޭގެ މަޝްރޫއުގެ ޕޭމަންޓްތައް އަދާކުރާނީ އެމެރިކާގެ "ސްވިފްޓް" ނިޒާމު އެއް ފަރާތްކުރުމަށްފަހު ޗައިނާގެ މާލީ ނިޒާމުކަމަށްވާ "ސީއައިޕީއެސް" ނިޒާމުގެ ތެރެއިންނެވެ.

ބަންގްލަދޭޝްވެސް މިހާރުވަނީ ޗައިނާގެ މާލީ ނިޒާމުކަމަށްވާ "ސީއައިޕީއެސް" ގައި ބައިވެރިވެފައެވެ. އެމެރިކާ ޑޮލަރު އެއްފަރާތްކުރުމަށްފަހު މިވަރުގެ ބޮޑެތި މަޝްރޫއުތައް އެހެން ފައިސާތައް ބޭނުންކޮށްގެން ހިންގަން ފަށާފައިވާތީ އެމެރިކާ ޑޮލަރުގެ ޑިމާންޑް ދުނިޔޭގައި މިހާރުދަނީ ދަށްވަމުންނެވެ.

މިކަމުގެ ސަބަބުން އެމެރިކާ މާލީ ބާރު މަޑުމަޑުން ދަށަށްގޮސް އެމެރިކާގެ އިގްތިސާދު ހީނަރުވެ ޑޮލަރު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ގައުމުތަކާ ދެކޮޅަށް ބޭނުންކުރުމުގެ ފުރުސަތު ކައިރި މުސްތަގްބަލެއްގައި އެމެރިކާއަށް ގެއްލިގެންދާނެކަމަށް މާލީ ތަޖުރިބަކާރުން ވިދާޅުވެއެވެ.