މި އަހަރުގެ މިހާތަނަށް ރާއްޖޭގައި އެންމެ ގިނައިން ކައިވެނި ކޮށްފައިވަނީ ނިމިދިޔަ މާޗު މަހު ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކޯޓުން މާޗު މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، އެ މަހު ވަނީ 245 ކައިވެނި ކޮށްދީފައެވެ. މި އަހަރުގެ އެހެން މަސްތަކަށް ބަލާއިރު، ޖަނަވަރީގައި 195 ކައިވެނި ކޮށްދީފައިވާއިރު ފެބްރުވަރީ މަހު ކޮށްފައިވަނީ 178 ކައިވެންޏެވެ.

މާޗު މަހު ވަރީގެ އަދަދު ވެސް ފެބްރުއަރީއާ އަޅާ ބަލާއިރު މައްޗެވެ. މާޗުގައި ވަރީގެ އަދަދަކީ 115ކަމަށްވާއިރު، ފެބްރުވަރީގައި ކޮށްފައިވަނީ 98 ވަރިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 50 ވަރީގެ މައްސަލަ މިދިޔަ މަހު ހުށަހަޅައިފައިވާއިރު މިހާރު ނުނިމިވަނީ 30 މައްސަލައެވެ. ވަރިއާމެދު ޝައްކުވެެގެން ވަނީ މިދިޔަ މަހު ތިން މައްސަލައެއް ހުށަހަޅައިފައެވެ.

ގެވެށި އަނިޔާގެ ހަތަރު މައްސަލައެއް ވެސް ފެމެލީ ކޯޓަށް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. ކުޑަކުދިންނާ ގުޅުން ހުރި ތިން މައްސަލައެއް ވެސް ވަނީ ހުށަހަޅައިފައެވެ.

މާޗު މަހަކީ މި އަހަރުގެ ރީތި ތާރީހުތައް ގިނަ މަހެކެވެ. އެ މަހު ކައިވެނި ގިނަވީ އެހެންވެ ކަމަށް ބެލެވެއެވެ.