18 Apr 2023, 10:40
ވެރިކަން ލިބިވަޑައިގެންފިނަމަ، ގެންގުޅުއްވާނީ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމްގެ ޚާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ގާސިމް ނިންމަވައިފައިވާއިރު، ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ހުޅުވާލުމުން ކުރިމަތިލެއްވީ އެ މަނިކުފާނު އެކަންޏެވެ. އެހެންވެ، ގާސިމްގެ ޝަރުތު ފުރިހަމަ ކަމަށް ނިންމާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު ގާސިމަށް އެރުވުމަށް ޕާޓީގެ ކައުންސިލުން ވަނީ ނިންމައިފައެވެ.
ރޭ ގާސިމް ކުރެއްވި ޓްވީޓެއްގެ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައްޖޭޣެ ޚާރިޖީ ސިޔާސަތުތަކަށް ހަދާނީ ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު ކަމަށެވެ. އެކަމަކު، އެ ވާހަކައިގެ އިތުރު ތަފުސީލަކަށް ވަޑައެއްނުގަންނަވައެވެ.
އިނގިރޭސީންގެ ހުއްދައެއް ނެތި ދިވެހިންނަށް ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ މަގު ވެސް ބަންދުވެފައި އޮތް ދުވަސްވަރެއް ދިޔައެވެ. އިނގިރޭސީންގެ ޕާސްޕޯޓެއް ނެތި ލަންކާ ފިޔަވައި އެހެން ގައުމުތަކަށް ދަތުރެއް ނުކުރެވެއެވެ. އެއީ, އިނގިރޭސީންގެ ހިމާޔަތުގައި ދިވެހީން ތިބި ދުވަސްވަރެވެ.
އެއްވެސް ގައުމެއްގެ އަޅުވެތިކަމަށް ނުދިއުމަށް، ރާއްޖެ މިނިވަންކުރަން އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ކުރީގެ ރައީސް ނާސިރެވެ. ރައީސް މައުމޫންގެ ހާރިޖީ ސިޔާސަތަށް ވެސް ގައުމުގެ ގިނަ ބަޔަކު ތައުރީފް ކުރެއެވެ.
އޭރު އިސްލާމީ ގައުމުތަކާ ވެސް އަދި އެހެން ގައުމުތަކާ މެދު ވެސް ރާއްޖޭން ގެންގުޅުނީ ހަމަހަމަ ސިޔާސަތެކެވެ. އެއްވެސް ގައުމަކަށް ގޮސް ހުހެއް ނުވެއެވެ. ރާއްޖޭގައި އިންވެސްޓް ކުރަން ވެސް އަދި ގުޅުން ބަދަހިކުރަން ވެސް ހަމަހަމަ ފުރުސަތުތަކެއް ދިނެވެ. އަދި ހާއްސަކޮށް، ވަކި ގައުމަކާ ޖައްސާލައިގެން ނޫޅެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން މި ގައުމުގެ ތަރައްގީއާއި ޒަރޫރީ ބޭނުންތަކަށް ގިނަ ގައުމުތަކުގެ އެހީ ދިޔައީ ލިބެމުންނެވެ.