18 Apr 2023, 10:18
ހުޅުލެއާއި ހުޅުމާލެ ގުޅައިލާ ހައިވޭ މަތިން ދަތުރުކުރި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފެންސްތަކުގައި ޖެހި ކާރެއް އެކްސިޑެންޓުވެއްޖެއެވެ.
އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކާރު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ކާރުގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވާއިރު، ވޭނުގެ އެކި ބައިތައް ހައިވޭ މަތީގައި ހުރިތަން ފެނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ހުޅުމާލެއިން މާލެއަށް ދުއްވައިފައި ދިޔަ ކާރެއް އެއާޕޯޓް ލައިޓް ކައިރިން މަގުގެ އެއް ފަރާތުގައި ހުންނަ ފެންސްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ ހެނދުނު 6:31 ހާއިރު ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
"މި އެކްސިޑެންޓުގައި އެެއްވެސް މީހަކަށް އަނިޔާއެއް ނުވޭ،" އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.