18 Apr 2023, 09:12
އިނގިރޭސި ޕްރިމިއާ ލީގުގައި ތަފާތު ބޮޑުކޮށް ލިވަޕޫލުން ލީޑްސް ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދައިފިއެވެ.
ލީޑްސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ލިވަޕޫލުން ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ.
ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އެ މެޗުގެ 35ވަނަ މިނެޓުގައި އެ ޓީމުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކުރި ފުރުސަތަކުން އެ ގޯލު ޖެހީ ނެދަލޭންޑްސްގެ ފޯވާޑް ކޯޑީ ގައްޕޯއެވެ.
އޭގެ ހަތަރު މިނެޓުފަހުން ލިވަޕޫލުން ވަނީ އަނެއްކާ ވެސް ގޯލެއްޖަހައި މެޗުގެ ލީޑުއިތުރަށް ފުޅާކޮށްފައެވެ. އެ ޓީމުގެ ޑިއޭގޯ ޖޮޓާ ތަނަވަސްކުރި ފުރުސަތަކުން އެ ގޯލު ޖެހީ މުހައްމަދު ސަލާހުއެވެ.
އެ ނަތީޖާއާ އެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ލީޑްސްއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ހަނިކޮށްފައެވެ. އެ ގޯލަކީ ލިވަޕޫލްގެ އޭރިއާ ތެރެއިން ލީޑްސްގެ ލުއިސް ސިނިސްޓެރާއަށް ލިބުނު ބޯޅައެއްގެ ބޭނުން ހިފައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ލިވަޕޫލާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން ---
މެޗުގެ 56ވަނަ މިނެޓުގައި ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު ކާޓިސް ޖޯނު ތަނަވަސްކުރި ފުރުސަތަކުން ޑިއޭގޯ ޖޮޓާ ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ހަތަރުވަނަ ގޯލަކީ ގަކްޕޯގެ އެހީއާ އެކު ސަލާހު ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 73ވަނަ މިނެޓުގައި ޖޯޑަން ހެންޑަސަން ނެގި ހުރަހަކުން ޖޮޓާ އިތުރު ގޯލެއްޖެހިއިރު މެޗުގައި ލިވަޕޫލުން ޖެހި ފަހު ގޯލަކީ އަނޯލްޑް ނެގި ހުރަހަކުން ޑާވިން ނުނޭޒް ކާމިޔާބުކުރި ގޯލެކެވެ.
އެ މެޗުން މޮޅުވެ ލިވަޕޫލް ތާވަލުގެ އަށް ވަނައިގައި އޮތީ 30 މެޗު ކުޅެ 47 ޕޮއިންޓު ހޯދައިގެންނެވެ. އަދި, ލީޑްސް ތާވަލުގެ 16ވަނައިގައި އޮތީ 31 މެޗު ކުޅެ 29 ޕޮއިންޓު ހޯދައިގެންނެވެ.