"ކޮމާންޑޯ" ފިލްމު ސީރީސްއިން 'ކޮމާންޑޯ'ގެ ނަމުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެކްޓަރު ވިދުޔުތް ޖަމްވާލްގެ ކުރިޔަށްއޮތް ފިލްމުގެ ޓީޒާ ރިލީޒްކޮށްފިއެވެ.

ވިދުޔުތް ޕްރޮޑިއުސަރެއްގެގޮތުގައި ފެނިގެންދާ ފިލްމު "އައިބީ 71"ގައި އެކްޓަރު ފެންނާނީ ޖާސޫސްކުރާ (އަންޑަ ކަވަރ) އެޖެންޓެއްގެ ރޯލްއިންނެވެ.

ފިލްމުގެ ފުރަތަމަ ޓީޒާ ބެލުންތެރިންނާ ހިއްސާކޮށްފައިވާއިރު މި ފިލްމަކީ، ވިދުޔުތްގެ އަމިއްލަ ޕްރޮޑަކްޝަން ބެނާގެ ދަށުން ގެނެސްދޭ ފުރަތަމަ ފިލްމުވެސްމެއެވެ. އެކްޝަން ހީރޯ ފިލްމްސްގެ ނަމުގައި އުފައްދާފައިވާ ޕްރޮޑަކްޝަން ހައުސްގެ އިތުރުން ޓީ-ސީރީސްއާއި ރިލަޔަންސް އެންޓަޓެއިންމެންޓްގެ އެހީއާއެކު އުފައްދާ މި ފިލްމަކީ ވަރަށް ވަރުގަދަ ސްޕައި ތްރިލާއެކެވެ. މި ފިލްމުގައި ކިޔައިދެނީ 1971ގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގި ހަނގުރާމަ ކާމިޔާބުކުރުމަށްޓަކައި އިންޑިއާއިން ކުރިޔަށްގެންދިޔަ ސިއްރު މިޝަންގެ ވާހަކައެވެ.

ފިލްމާ ގުޅޭގޮތުން ވިދުޔުތް ބުނެފައިވަނީ އިންޑިއާގެ އިންޓެލިޖެންސް ބިއުރޯތަކުން ހިންގާ ސިއްރު މިޝަންތަކާބެހޭ ގިނަ ޙާދިސާތަކާއެކު ދުޝްމަނުން ބަލިކޮށްލާނެ އުކުޅުތައް މި ފިލްމުން ފެންނާނެ ކަމަށެވެ. ވިދުޔުތްގެ އިތުރުން ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭގައި އަނޫޕަމް ހޭރް، ވިޝާލް ޖޭތްވާ، ދަލިޕް ތަހިލް އަދި ސޫވްރަތް ޖޯޝީ ހިމެނެއެވެ.

މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ނިންމާފައިވަނީ ކުރިޔަށްއޮތް މެއި މަހުގެ 12ވަނަ ދުވަހުއެވެ. ފިލްމު "ކޮމާންޑޯ"ގެ އިތުރުން ވިދުޔުތް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވަނީ 2020ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޚުދާ ހާފިޒް"އިންނެވެ. ހިންދީ ސިނަމާގައި މިވަގުތުހުރި އެންމެ ނަންހިނގާ ޒުވާން މާޝަލް އާޓިސްޓް އަދި އެކްޝަން ތަރި ބައެއް ތަމަޅަ ފިލްމުތައް ވެސް ކުޅެއެވެ. އެހެންކަމުން ވިދުޔުތްގެ ނަން ސައުތް ސިނަމާގައިވެސް އެހާމެ މަޤުބޫލެވެ. "ޚުދާ ހާފިޒު: ޗެޕްޓާ2"އިން މިދިޔަ އަހަރު ވިދުޔުތް ފެނިފައިވާއިރު އިތުރު ދެ ފިލްމެއްގައި އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.