މި އަހަރުގެ ރޯދަ މަސް ނިމި ޢީދު ޗުއްޓީއަކާ ދިމާވާން މިއޮތީ ވަރަށް ކައިރިވެފައެވެ. ޢީދު ޗުއްޓީއަކީ ދިވެހީންގެ ތެރޭގައި އެންމެ މަގުބޫލު އެއް ޗުއްޓީއެވެ. ކައިރި ރަށްތަކަށް ގޮސް އާއިލާއާ އެކު ވަގުތު ހޭދަކޮށްލައި މީހާ އަލުން ރިފްރެޝް ކޮށްލުމަކީ ޢީދު ޗުއްޓީގައި ދިވެހިން އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. މި ފަހަރު ގިނަ ބަޔަކު ޢީދު ޗުއްޓީގައި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟

މި އަހަރުގެ ޢީދު ޗުއްޓީ އާ ގުޅިގެން ވެސް ގިނަ ބަޔަކު އަންނަނީ ތަފާތު ހަރަކާތްތައް ރާވަމުންނެވެ. ކޮންމެއަކަސް ޢީދު ޗުއްޓީ އާ ދިމާކޮށް ލިބޭ ބަންދު ދުވަސްތަކުގެ ބޭނުން ކުރުމަށްޓަކައި މުޅި ތާވަލު ފުރާލުމުގެ މަސައްކަތުގައި ގިނަ ބަޔަކު އެބަ އުޅެއެވެ.

"މި ފަހަރުގެ ޢީދު ޗުއްޓީއާ ދިމާކޮށް މި ބަލަނީ ރަށަށް ދެވޭތޯ. ވަރަށް ދުވަސް ވެއްޖެ ރަށަށް ނުދާ ތާ،" އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އަބްދުﷲ އާސިފް ބުންޏެވެ.

ޢީދާ ދިމާކޮށް ރަށް ތެރެއަށް ވަރަށް ބޮޑަށް ދިރުން ލިބެއެވެ. އެކި ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ މީހުންތައް އަމިއްލަ ރަށަށް އެންމެ ގިނަ ގިނައިން ދާ އެއް ޗުއްޓީ އަކީ ޢީދު ޗުއްޓީއެވެ. ރަށުގައި އޮންނަ ފަޅުކަން ފިލައި ރަށުގައި އެންމެން އެކީގައި ފެންނަނީ ޢީދު ޗުއްޓީގައި ކަމަށް އާސިފް ބުނެއެވެ.

ރަށުގައި ދިރިއުޅޭ މީހުން އާންމުކޮށް ޗުއްޓީއަށް ޓަކައި ރަށުގައި ކުރިއަށް ގެންދާ ތަފާތު ހަރަަކާތްތަކަށް ތައްޔާރުވާން ފަށާނެއެވެ. އެކި ކަހަލަ މުބާރާތްތަކަކީ ރަށްރަށުގައި ޢީދުގައި ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. އެއާ އެކު ރަށުގައި ތިބި މީހުންތައް ޢީދަށް ތައްޔާރުވާނީ މެޗުތަކުގެ ޕްރެކްޓިސްތަކުންނެވެ.

މާލޭގައި އުޅޭ ގިނަ މީހުން ޢީދަށް، މާލެ ކައިރީ ރަށްތަކަށް ޗުއްޓީއަށް ދާން ފަށާނެއެވެ.

"މި ފަހަރު ޢީދު ޗުއްޓީއާ ދިމާކޮށް ވަރަށް ކުރީން ތައްޔާރު ވެވިއްޖެ. ކައިރި ރަށަކަށް ދާން މަހެއް ކުރީން ޓިކެޓު ނަގައި ގެސްޓް ހައުސް ބުކް ކޮށްފިން،" ރަށްޓެހިން ތަކަކާ އެކު ޗުއްޓީއަށް ތުލުސްދޫއަށް ދިޔުމަށް ތައްޔާރުވަމުންދާ އަމީރު އަލީ ކިޔައިދިނެވެ.

އަމީރު ބުނި ގޮތުން މާލެ ކައިރީގެ ރަށަކަށް އީދަށް ޗުއްޓީއަށް ދާ ނަމަ ވަރަށް ކުރީން އެކަމަށް ތައްޔާރުވާން ޖެހޭނެއެވެ. ފަހު ވަގުތު ކައިރި ރަށަކަށް ދާން ރާވަން އުޅެފި ނަމަ ދެން އެކަމާ ވިސްނާނެ ކަމެއް ނެތެވެ. މިހާރު މާލެ ކައިރީ ގިނަ ރަށްތަކުގެ ގެސްޓްހައުސްތައް އޮތީ ފުރިފައެވެ.

އީދަށް ކައިރި ރަށަކަށް ދާން ބޭނުންވާ ނަމަ ވަރަށް ދުރާލާ އެކަމަށް ތައްޔާރު ވުމަކީ ބުއްދިވެރި ކަމެކެވެ. އެހެންވީމާ ބޮޑު އީދަށް ވެސް ތައްޔާރުވާނަމަ މަހެއް ވަރު ކުރީން ތައްޔާރުވުން މުހިއްމެވެ.

ދެން ތިބީ މާލޭގައި އެއްވެސް ތަނަކަށް ނުދެވިފައި ތިބި މީހުންނެވެ. އެއްބައި މީހުންނަކީ މަސަައްކަތުގެ ގޮތުން އީދަށް ވެސް ޕްލޭނެއް ނުހެދޭ މީހުންނެވެ. ނަތީޖާއެއް ގޮތުގައި ޢީދު ދުވަސް ފިޔަވާ ޗުއްޓީއެއް ނުލިބި ޖެހެނީ އާންމު ޝެޑިއުލްތަކައިގެން ކުރިއަށް ދާށެވެ.

އެހެންވީމާ މި ފަހަރުގެ ޢީދު ބަންދުގައި އޮތީ ކޮން ޕްލޭނެއް ހެއްޔެވެ؟ ޗުއެްޓީއަށް އެއްވެސް ތަނަކަށް ދިޔުމަށް ވަނީ ރާވާފައި ހެއްޔެވެ؟