މާލެސިޓީ ކައުންސިލުން ލޮނުޒިޔާރަތްޕާކުގެ އާބާތުރަފިލުވައި ޕާކް ބެލެހެއްޓުމަށް ސިޓީ ކައުންސިލަށް އެހީތެރިވެދޭނޭ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ލޮނުޒިޔާރަތް ޕާކަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރަހައި ތަރައްޤީކުރަން ފެށި ޕާކެކެވެ. ނަމަވެސް ޕާކް ޕާކަކަށް ހަދައި ތަރައްޤީކޮށް ނިންމާފައިވަނީ އަދުގެ ސަރުކާރުންނެވެ.

މި ޕާކުގެ މަސައްކަތް ނިންމައި އެތަން ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހާއި ގުޅުވައިގެން، ބޭއްވި ރަސްމިއްޔާތެއްގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު މަރުހޫމް އުމަރު ޒާހިރެވެ.

ލޮނުޒިޔާރަތް ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ހިތްފަސޭހަ ކަމާއެކު އާންމުންނަށް ތިބެވޭނެ ފެހި ތަނެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ މި ޕާކް ފެހިކުރުމަށް މާލެ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް މިހާތަނަށްވެސް ވަނީ ކޮށްފައެވެ.

މާލެސިޓީ ކައުންސިލުން ބުނީ، ލޮނުޒިޔާރަތް ޕާކުގެ އެކި ދިމާލުގައި ހުރި ތަންތަން ވަރަށް ބޮޑަށް ހަލާކުވެ، އިތުރަށް މަރާމާތުކުރުމަށް ބޭނުންވެފައިވާކަމަށެވެ. ޕާކްގެ މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންޒިލުން ގެޒެޓްގައި އިއުލާނުކޮށްފައިވާއިރު، މި ފަހަކަށް އައިސް ޕާކުގެ އެކި ދިމާލުގައި ހުރި ތަންތަން ވަނީ ވަރަށްބޮޑަށް ހަލާކުވާން ފަށާފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލް "ސަން"އަށް ވިދާޅުވީ، ޕާކަކީ ލޮނު ބުރާތަނަކަށް ވާތީ ފެންސުތައް މަރާމާތުކުރަން ބޭނުންވާ ކަމަށެވެ. އަދި އެ ތަނުގައި ހުރި ބައެއް ގަސްތައް ވެސް ހަލާކުވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ވޯކްވޭ ވެސް ހަލާކުވެފައި، އެ ތަނުގައި ޖަހާފައި ހުރި ވުޑްވޯކްސް ވެސް މަރާމާތުކުރަން ޖެހޭ،" މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ޕާކު މަރާމާތުކުރަން މުޅި ޕާކު ބަންދުނުކުރާނެ ކަމަށެވެ. ބަންދުކުރާނީ ވަކިވަކި ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ.

ލޮނުޒިޔާރަތް ޕާކަކީ މިހާރު މާލޭގައި ހުރި ޕާކްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ހިތްއުފާކޮށްލުމަށް ގޮސް އުޅޭ ތަނެވެ. މި ޕާކްގައި އިންދާފައިވާ އެކިކަހަލަ ގަސްތަކާއި މާ އަޅާ ގަސްތަކުގެ ސަބަބުން މި ޕާކް ވެފައިވަނީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ތަނަކަށެވެ.

ލޮނުޒިޔާރާތް ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޮނުޒިޔާރަތް ޕާކްގައި ކައިވެނީގެ ހަފްލާތައް ބޭއްވުމާއި އެ ނޫން ވެސް އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. މި ހަރަކާތްތަކުން ޕާކަށް އާމްދަނީ ވެސް ލިބެއެވެ.

ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 16.8 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މި ޕާކަކީ ރާއްޖޭގައި މި ވަގުތު އެއްތަނަކުން އެންމެގިނަ މާމެލާމެލި ހައްދާފައިވާ ޕާކެވެ.