ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުން މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެއެވެ.

ފާއިތުވި ޑިސެމްބަރު މަހު ފާސްކުރި ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ކުރާ ފަރާތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ނަގާނެއެވެ.

މި ގަވާއިދުގެ ދަށުން، ސުން ރޭޓުގައި ޖީއެސްޓީ ނެގޭ މުދަލެއް ނުވަތަ ޙިދުމަތެއް ފޯރުކޮށްދިނުމަށް ފަހު، ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅަކަށް ވެސް ދެ ރުފިޔާގެ ފީއެއް ނެގޭނެއެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު، ޖީއެސްޓީ ބަޔާނުގައި ހުށަނާޅާ ނަމަ ނުވަތަ ފޯރުކޮށް ނުދޭ ނަމަ އެއީ ގާނޫނީ ކުށެކެވެ. އަދި މި ކުށުގެ އަދަބެއްގެ ގޮތުން ފީ ނެގޭ މުއްދަތުގައި ދައްކަންޖެހޭ ފީގެ އަދަދުގެ 0.5 ޕަސެންޓުން ޖޫރިމަނާ ކުރުމާއި އަދި މައުލޫމާތު ފޯރުކޮށްނުދީ ހިނގާ ކޮންމެ ދުވަހަކަށް 50 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި ޕްލާސްޓިކް ކޮތަޅުގެ ފީ ނުދެއްކުމުގެ އަދަބުގެ ގޮތުން ފީގެ އަދަދު ދައްކަން ޖެހޭ ދުވަހުން ފެށިގެން ފާއިތުވަމުންދާ ކޮންމެ ދުވަހަކަށް، ނުދައްކައި އޮތް އަދަދުގެ 0.05 ޕަސެންޓުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ގަވާއިދު އިސްތިސްނާ ވާ ތިން ހާލަތެއް ވެއެވެ. އެއީ:

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު

  • ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ 'ބިން ލައިނާ'

މީގެ އިތުރުން، ގަވާއިދުގެ ދަށުން މުދާ ވިއްކަން ބޭނުންވާ ފެންވަރަށް މުދާ ބަންދު ކުރުމަށް އެ މުދާ އުފައްދާ ފަރާތުން ބޭނުންކޮށްފައިވާ ޕްލާސްޓިކް ކޮތަޅުން ޓެކްސްއެއް ނުނަގާނެއެވެ. އަދި ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް މީރާ އަށް ދައްކަން ޖެހޭނީ ދިވެހި ރުފިޔާ އިންނެވެ.

ދެހާސް ތިރީހުގެ ނިޔަލަށް ޒީރޯ ޕްލާސްޓިކް ގައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެެކެވެ. އަދި 2023 ވަނަ އަހަރުގެ ކުރީން، "ސިންގަލް-ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލައަށް ޙައްލެއް ހޯދުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެކެވެ.