މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒްގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަ ޕީޕީއެމުން މިއަދު ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ހަބަރު ފެތުރެމުންދަނީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށްވުމަށް ޑރ. މުއިއްޒު ކެމްޕެއިން ކުރަމުންދާތީ އޭނާގެ މައްސަލައިދިނުމަށް އެދި ރައީސް ޔާމީންގެ އާއިލާއިން ޕީޕީއެމަށް ހުށަހަޅާފައިވާ ބުނެއެވެ. އަދި މުއިއްޒުގެ ކެމްޕެއިން މެނޭޖަރު އާދަމް ރަމީޒުގެ މައްސަލަ މިރޭ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަން ފަށާފައިވާ ކަމަށް ވެސް އަޑު ފެެތުރުނެވެ.

މި ވާހަކަތަކާއި ގުޅިގެން "ސަން"އަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މުއިއްޒު އާއި ރަމީޒްގެ މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަމުންދާކަމަށް ބުނެ ފަތުރަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

"ރަމީޒްގެ މައްސަލައާއި ޑރ. މުއިއްޒުގެ މައްސަލައެއް ސުލޫކީ ކޮމިޓީން ބަލަމުންދާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް،" ހީނާ ވިދާޅުވިއެވެ.

މާލެ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލް މެމްބަރު މެމްބަރު އާދަމް ރަމީޒު-- ފޮޓޯ: ސިޓީ ކައުންސިލް

ޕީޕީއެމްގެ ރިޔާސީ ޓިކެޓާ، މުއިއްޒުއާ ގުޅުވާ ދޭތެރެއަކުން އަޑުތައް ފެތުރެއެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ރިޔާސީ ކެނޑިޑޭޓަކާ އެކީ އިންތިހާބުގައި ވާދަކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ޕީޕީއެމްއިން އަންނަނީ ބުނަމުންނެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންފައިވާ ޔާމީން ގެންދަވަނީ، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑާކުރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން ޔާމިން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.