18 Apr 2023, 10:16
ޓީ-ސީރީސްއާއި މެޑްޑޮކްސް ފިލްމްސްއިން 2021ވަނަ އަހަރު ގެނެސްދިން ފިލްމު "ޝިއްދަތު"ގެ ދެވަނަ ބައި "ޝިއްދަތު2"ގެ ރޯލެއް ބަތަލާ ޕަރިނީތީ ޗޯޕްރާއަށް ލިބިއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރޮމޭންޓިކް ޑްރާމާއެއް ކަމަށްވާ މި ފިލްމަކީ، ކުނާލް ދޭޝްމުކް ޑައިރެކްޓްކޮށް ބޫޝަން ކުމާރު ޕްރޮޑިއުސްކުރި ފިލްމެކެވެ. "ޝިއްދަތު2"ގެ ލީޑްރޯލްއިން ވެސް ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ އެކްޓަރު ސަނީ ކޯޝަލްއެވެ. ސަނީ ކޯޝަލްއާއެކު މި ފިލްމުގެ ފުރަތަމަ ބައިން ޒުވާން ބަތަލާ ރާދިކާ މަދަން ފެނުނުއިރު ދެވަނަ ބައިން ފެންނާނެކަމަށް ރިޕޯޓުތަކުން ބުރަވަނީ ބަތަލާ ޕަރިނީތީ ޗޯޕްރާއަށެވެ.
މި ފިލްމުގެ ސީކުއަލް އިއުލާނުކޮށް ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާ ފެށިފައިވާއިރު ޕްރޮޑަކްޝަން ހައުސްއިން ފިލްމު ރިލީޒްކުރާނެކަމަށް ބުނެފައިވަނީ 2024ގައެވެ. މި ފަހަރުގެ ސީކުއަލްގެ ވާހަކަ ވެސް ފުރަތަމަ ބަޔާ ދާދި އެއްގޮތްވާނެކަމަށް މަޢުލޫމާތު ދީފައިވާއިރު ފިލްމު ޕްރިމިއާކުރުމަށް ނިންމާފައިވަނީ ޑިޖިޓަލް ޕްލެޓްފޯމެއްގައެވެ.
ފިލްމުގެ ދެވަނަ ބައިން ޕަރިނީތީ ޗޯޕްރާ ފެންނާނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވާއިރު ބަތަލާ ރާދިކާ މަދަން ފިލްމުން ފެންނާނެތޯ ނުވަތަ ނޫންތޯ އަދި ކަށަވަރެއް ނުވެއެވެ. މި ފިލްމުގެ ފުރަތަމަ ބައި ޕްރިމިއާ ކޮށްފައި ވަނީ 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޑިޒްނީ ޕްލަސް ހޮޓް ސްޓާއިންނެވެ.
ބަތަލާ ޕަރިނީތީ ޗޯޕްރާ "ޝިއްދަތު2"ގެ ކާސްޓާ ގުޅިފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު އިތުރު ދެ ފިލްމެއްގައި ބަތަލާ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ އިމްތިޔާޒް އަލީގެ ފިލްމު "ޗަމްކީލާ" އަދި އަކްޝޭ ކުމާރުއާއެކު ކުޅޭ ފިލްމު "ކެޕްސުލް ގިލް"އެވެ.
ޕަރިނީތީގެ އިތުރުން އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އެންމެ ފަހުން ފެނިފައިވަނީ މިދިޔަ މަހު ނެޓްފްލިކްސްގައި ޕްރިމިއަކުރި ފިލްމު "ޗޯރް ނިކަލް ކޭ ބާގާ"އިންނެވެ. މި ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު އެކްޓަރު މަސައްކަތްކުރާ އިތުރު ފިލްމަކީ، 2024ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ޕިރް އާއި ހަސީން ދިލްރުބާ"އެވެ.