މިނިމުނު މާޗް މަހު ރިލީޒްވި ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެނެސްދިން އެމްމޭ އެންޓަޓެއިންމަންޓް ކުންފުނިން އިތުރު ފިލްމަކަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމަށް ކިޔާނެ ވަކި ނަމެއް ހަމަޖެހިފައިނުވާއިރު ފިލްމުގެ ޑައިރެކްޓްކުރާނީ ސޯރަބް ޝުކްލާކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ސޯރަބް ޝުކްލާއަކީ، ފިލްމުތަކުގައި ހެއްވާ މަޖާ ރޯލްތަކުން ފެނިފައިވާ އެކްޓަރެކެވެ. އެކްޓުކުރުމުގެ އިތުރުން އޭނާއަކީ ފިލްމު ސްކްރިޕްޓް ލިޔެ ފިލްމު ޑައިރެކްޓް ވެސް ކުރާ ފަރާތެކެވެ.

އެމްމޭ އެންޓަޓެއިންގެ ކުރިޔަށްއޮތް މިފިލްމުގެ ލީޑް ރޯލްއިން ފެންނާނެކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ، ބަތަލާ ޝްރިޔާ ޕިލްގާއޮންކަރު އަދި އެކްޓަރު ޖިތެންދްރަ ކުމާރުއެވެ. ބަތަލާ ޝްރިޔާއަކީ 2021ވަނަ އަހަރު ރިލީޒްވި ތެލުގޫ ފިލްމު "ކާދަން"އިން މޮޅު އެކްޓިންގްއެއް ދެއްކި ބަތަލާއެކެވެ.

ފިލްމު ކުޅުމުގެ އިތުރަށް ބެލުންތެރިންގެ މެދުގައި ޝްރިޔާ ބޮޑަށް މަޤުބޫލުވެފައި ވަނީ ތަފާތު އެކި ޖޯންރާތަކަށް ބިނާކޮށް އުފައްދާފައިވާ ވެބް ސީރީސްއިންނެވެ. އޭގެތެރޭގައި، "މިރްޒާޕޫރް"، "ގިލްޓީ މައިންޑްސް" އަދި "ދަ ބްރޯކެން ނިވްސް" ހިމެނެއެވެ. ޝްރިޔާއާއެކު ފިލްމަށް ނަގާފައިވާ އެކްޓަރު ޖިތެންދްރަ ކުމާރު ގިނަ ބަޔަކަށް އެނގިގެންދިޔައީ ނެޓްފްލިކްސްގެ ވެބް ސީރީސް "ކޯޓާ ފެކްޓަރީ"އިންނެވެ.

މި ފަހަރުގެ ފިލްމާބެހޭ މާބޮޑު ތަފްސީލު މީޑިއާއަށް ހާމަކޮށްފައިނުވާއިރު ފިލްމުގެ ކާސްޓުން ހަމަވުމާއެކު ފިލްމުގެ މަސައްކަތް ފެށުމަށް ޕްރޮޑަކްޝަން ޓީމް އޮތީ ތައްޔާރަށެވެ. އެމްމޭ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންކަމަށްވާ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"ގެ ލީޑް ރޯލްއިން ފެނިފައިވަނީ ބަތަލާ ރާނީ މުކަރުޖީއެވެ. މި ފިލްމަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން އުފެއްދި ވަރަށް ޖަޒުބާތީ ފިލްމެކެވެ.