23 Apr 2012, 09:15
ޕެރިސް (މާޗް 23): އިއްޔެ ފެށުނު ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުކުރެވުނެވެ.
އިއްޔެ ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސާކޯޒީއަ އެންމެ ގާތުންވާދަކުރި ސޯޝަލިސްޓް ލީޑަރު ފްރާންސްވާ ހޮލޭންޑަށް ވަނީ ސަރކޯޒީ އަށް ވުރެ ތިން ޕަސެންޓް އިތުރަށް ވޯޓު ލިބިވަޑައިގެންފަ އެވެ. ހޮލޭންޑަށް 28-29 ޕަސެންޓާ ދެމެދުގެ މިންވަރެއްގެ ވޯޓު ލިބުނު އިރު ސަރކޯޒީ އަށް ލިބިވަޑައިގަތީ 25-26 ޕަސެންޓާ ދެމެދުގެ ވޯޓެވެ.
ދެބޭފުޅުންގެ ދެމެދުގެ ތަފާތު މިހާވަރުވާނެކަން އިންތިޚާބުގެ ކުރިން ކުރި ޚިޔާލުހޯދުމުގެ ސާވޭތަކުން ވެސް ވަނީ ހާމަވެފަ އެވެ. އިއްޔެގެ ވޯޓުލުމުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 45 މިލިޔަން ފަރަންސޭސި ރައްޔިތުންގެ ތެރެއިން 70 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިންތިޚާބާ ބެހޭ އިދާރާ އިން ބުނެ އެވެ. މިއިންތިޚާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންނަށް ލިބިފައި ވަނީ ވަރަށް މަދު ޕަސެންޓެއްގެ ވޯޓެވެ. މިނަތީޖާއާ ގުޅިގެން ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރަށް ހޮލޭންޑް އާއި ސަރކޯޒީވަނީ ހޮވިވަޑައިގެންފަ އެވެ.
މިނަތީޖާއަށް ފަހު ދެއްވި ބަޔާންތަކުގައި ސަރކޯޒީއަށް ވުރެ ހޮލޭންޑް ވަނީ ދެވަނަބުރު ކާމިޔާބުވާނެ ކަމުގެ އުންމީދު މާބޮޑުކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ހޮލޭންޑް ވިދާޅުވީ ފަރަންސޭސި ރިޔާސަތާ އެންމެ ގާތުގައި މިހާރު ހުންނެވީ އޭނާ ކަމަށާއި ދެވަނަ ބުރު ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމުގަ އެވެ. ސަރކޯޒީއަކީ ކަނާތުފިޔައިގެ މެދުމިނުގެ ފިކުރުގެ ބޭފުޅަކަށްވާ އިރު ހޮލޭންޑަކީ ވާތުފިޔައިގެ މެދުމިނުގެ ބޭފުޅެކެވެ.
މޭ 6 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ދެވަނަ ބުރުގައި ފަރަންސޭސި ކަނާތު ފިޔައާއި ވާތިފިޔައިގެ އެހެން ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ވޯޓުތައް ދެބޭފުޅުންނަށް ބެހިގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ. ޚިޔާލު ހޯދުމުގެ ސަރވޭތައް ދައްކާ ގޮތުން ދެވަނަ ބުރުގައި ވަރަށް ފަސޭހަކަމާ އެކު ސަރކޯޒީގެ މައްޗަށް ހޮލޭންޑް ކާމިޔާބު ހޯއްދަވައި ރިޔާސީ ރޭސް ކާމިޔާބު ކުރައްވާނެ އެވެ.
ދެވަނަ ބުރުގައި ސަރކޯޒީއަށް 45 ޕަސެންޓް ވޯޓު ލިބޭނެ ކަމަށް ބެލެވިފައިވާ އިރު ހޮލޭންޑަށް 54 ޕަސެންޓް ވޯޓު ލިބޭނެކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުންވަނީ ހާމަވެފަ އެވެ. (އެޖެންސީ ފްރާސް ޕްރެސް)