ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭ ރައްޔިތުންނަށް 15 ޓަނު ކަރާ ހަދިޔާކުރަން ނިންމައިފިއެވެ.

ޗަމްޕާ ބްރަދާސް ކުންފުނިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި 15 ޓަނު ކަރާ މި ހަފުތާގެ ފަހުކޮޅު ލިބޭވަރު ވާނެއެވެ.

މީގެ ކުރިން ވެސް ޗަމްޕާ ބްރަދާސްއިން ވަނީ ޖުމުލަ 35،000 ކާށި މާލޭ ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ. އެ ކާށިތައް ބަހާ އިއްޔެ ހުސްވެފައިވާއިރު، އިތުރު 15،000 ކާށި ގެންނަން ނިންމައިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާލޭ ރައްޔިތުންނަށް މި ތަކެތި ބެހުމުގެ ކަންތައް މާލޭ ސިޓީ ކައުންސިލުން ކުރަނީ ވަރަށް ފުރިހަމައަށް ކަމަށް ކުންފުނިން ފާހަގަކުރެއެވެ.

ޗަމްޕާ ބްރަދާސްއިން މާލޭ ރައްޔިތުންނަށް ކާށި ހަދިޔާ ކުރީ، ރާއްޖޭގެ ގިނަ ރުއްތަކަކަށް ބަލި ޖެހި، ދިވެހި ކާށި ލިބުން އިންތިހާއަށް ދަތި ދަނޑިވަޅެއްގައެވެ. އަދި އެ ކަމުގެ ސަބަބުން ބާޒާރުގައި ކާށީގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ ދުވަސްވަރެއްގައެވެ.