17 Apr 2023, 13:15
ޕޭޝަންޓުންގެ ޒާތީ މައުލޫމާތު ލީކުވި އައިޖީއެމްއެޗްގެ ކުރީގެ ޕޭޝަންޓް ޕޯޓަލް ބޭނުންކުރުން ހުއްޓައިލުމަށްފަހު އާ ޕޯޓަލަކުން ޚިދުމަތް ދޭން ފަށައިފިއެވެ.
ކުރިން އެ ހޮސްޕިޓަލުން ބޭނުން ކުރަމުން އައި ޕޯޓަލް ބޭނުންކުރުން ހުއްޓައިލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އެ ޕޯޓަލް ބޭނުންކުރުން ހުއްޓައިލީ، އެހެން މީހުންނަށް ބަލި މީހާގެ ޒާތީ މައުލޫމާތު ބެލޭކަމުގެ މައްސަލައަކާއެކުގައެވެ.
އެއާއެކު އެއިރު އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ސެކިއުރިޓީ ސަބަބަކަށް ޓަަކައި އެ ޕޯޓަލް ބޭނުންކުރުން ވަގުތީ ގޮތުން އޮތީ ހުއްޓައިލައިފައެވެ.
މި ކަމާ ގުޅޭ ގޮތުން "ސަން"އިން ސުވާލުކުރުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު ޚިދުމަތްދޭން ބޭނުންކުރާ ޕޯޓަލަކީ އާ ޕޯޓަލެއްކަމަށެވެ.
އޭގެން އެއްވެސް ބަލި މީހެއްގެ ޒާތީ މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މި ބޭނުންކުރަނީ އާ ޕޯޓަލެއް. ވަރަށް ސޭފްކަން ޔަގީންކުރުމަށްފަހު މި ބޭނުންކުރަން ފެށީ،" އޮފިޝަލް ވިދާޅުވިއެވެ.
އާ ޕޯޓަލް ބޭނުންކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހެވެ. މި ޕޯޓަލަށް ވަދެވޭނީ އީފާސް މެދުވެރިކޮށެވެ.