އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަށް ޓަކައި 2019 ވަނަ އަހަރު ދިން ސަބްސިޑީގެ ފަހުން، އިތުރު އެއްވެސް އަހަރެއްގައި މޯލްޑިވިއަންއަށް ސަބްސިޑީ ދީފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެ ވައުދު ފުއްދުމަށް ޓަކައި، 2019 ވަނަ އަހަރު މޯލްޑިވިއަނުން ވަނީ އަގު ހެޔޮ ވެސް ކޮށްފައެވެ.

މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކުގެ އަގުތައް ބޮޑުކޮށްފައިވާ މައްސަލައިގައި މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް އެ ކުންފުނީގެ އިސްވެރިން މިއަދު ވަނީ ހާޒިރުކޮށްފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އެ އަހަރު ސަރުކާރުން ވަނީ ސަބްސިޑީގެ ގޮތުގައި 35 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައެވެ.

ނަމަވެސް، އެ އަހަރުގެ ފަހުން ސަބްސިޑީގެ ގޮތުގައި އެއްވެސް ފައިސާއެއް ދީފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ކުންފުނި ހިންގަމުންދަނީ އަމިއްލައަށް ލިބޭ އާމްދަނީން ކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް މިހާދު ވިދާޅުވީ، ޓިކެޓް އަގުބޮޑުވުމުގެ މައިގަނޑު އެއް ސަބަބަކީ އެއާޕޯޓްތައް ގިނަވެ އޮޕަރޭޝަނަލް ކޯސްޓު އިތުރުވުމެވެ. އޭނާ ވިދާޅުވީ މިދިޔަ ހަތަރު އަހަރު ތެރޭގައި ފަސް އެއާޕޯޓެއް އަޅައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޓްކުރާ އިތުރު ދެ އެއާލައިނެއް އޮތް ނަމަވެސް، އެ އެއާލައިންތަކުން އެ އެއާޕޯޓްތަކަށް އޮޕަރޭޓްނުކުރާ ކަމަށެވެ. އެހެންކަމުން، މޯލްޑިވިއަންއަށް ދަތުރުކުރަން މަޖުބޫރުވާ ކަމަށެވެ.

"މި ތަންތަނަށް ދަތުރުކުރަން ހަފުތާއަކު އެވަރެޖްކޮށް ތިން ފްލައިޓް އަޅުގަނޑުމެން އެބަ އަޅަންޖެހޭ ލޯޑް ލިބުނަސް ނުލިބުނަސް. އެންމެ ފަހުން އަޅުގަނޑުމެން ފެށި ފަރެސްމާތޮޑާ އެއާޕޯޓަށް ހަފުތާއަކު ދެ ފްލައިޓް މި ފަށަނީ،" މިހާދު ވިދާޅުވިއެވެ.

އިތުރަށް މިހާދު ވިދާޅުވީ، އެއާޕޯޓްތައް އިތުރުވުމާ ގުޅިގެން އިތުރު މުވައްޒަފުން ގާއިމުކުރަން ޖެހޭ ކަމަށާއި ޕައިލެޓުންނާއި އިންޖިނޭރުން އިތުރުކުރަން ޖެހޭ ކަމަށެވެ. ޓެކްނިކަލް މުވައްޒަފުންނަކީ ބޮޑު މުސާރަައެއްގައި ރެކްރޫޓްކުރަންޖެހޭ ބައެއްކަމުން އެއީ ވެސް ހަރަދު ބޮޑުވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ފަސް އެއާޕޯޓް އިތުރުވެ، ފަސް އެއާޕޯޓަށް އިތުރަށް ދަތުރުކުރަން ޖެހި. އެ އެއާޕޯޓްތަކުގެ އޮޕަރޭޓިން ކޯސްޓުތައް އިތުރުވުމާ ގުޅިގެން މަޖުބޫރުވެ ޓިކެޓަށް އިތުރު ބަދަލު ގެންނަން،" މިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮވިޑްގެ ހާލަތަށްފަހު މެއިންޓެނެންސް އޯގަނައިޒޭޝަންތަކުގައި އެއާކްރާފްޓްތަކުގެ އިންޖީނުތައް މެއިންޓެއިންކުރުމާއި ރިޕެއާކުރުމަށް ވަރަށް ބޮޑު ބެކްލޮގެއް އެބައޮތް ކަމަށް މިހާދު ވިދާޅުވިއެވެ.

"އެ ކަމާ ގުޅިގެން އަޅުގަނޑުމެންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުންދާ އިންޖީނުތައް ވެސް މަރާމާތުކުރަން ބޭނުންވާ މުއްދަތުތެރޭގައި މަރާމާތު ނުކުރެވި، އިންޖީނު ކުއްޔަށް ވެސް ނަގަންޖެހޭ،" މިހާދު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރަށް އިންފްލޭޝަންގެ އަސަރު ކުރުމާ ގުޅިގެން މިހާރު އެ ކުންފުނިން ގެންގުޅޭ އެއާކްރާފްޓްތަކުގެ ސްޕެއާ ޕާޓްސް އާއި މެއިންޓެނެންސް ހަރަދުތައް ވެސް ދެގުނަ މައްޗަށް ގޮސްފައިވާކަމަށް ވެސް މިހާދު ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުބޮޑުވުމާ ގުޅިގެން އާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ މޯލްޑިވިއަންއަށް އަމާޒުވެފައެވެ.