23 Apr 2012, 08:18
ހދ. ކުޅުދުއްފުށީގައި ދެ ސައިކަލެއް ފާރުގައި ޖެހި، ހިނގި އެކްސިޑެންޓެއްގައި އެކަކު މަރުވެ ސީރިއަސް އަނިޔާތަކެއްވެ ފަރުވާ ދެމުން ދިޔަ މީހާ ކޯމާއަކަށް ހިނގައްޖެ އެވެ.
ރޭ ދަންވަރު 3:55 ހާއިރު ހިނގި އެކްސިޑެންޓްގައި މަރުވެފައިވަނީ ކުޅުދުއްފުށީ ދިއްތުނޑި، އަހުމަދު އިބްރާހީމް 21، އެވެ. ކޯމާއެއްގައި އޮތީ ކުޅުދުއްފުށީ ފޭރުގަސްދޮށުގޭ އާދަމް ސިނާހު 18، އެވެ. އެކްސިޑެންޓަށްފަހު ސިނާހު ވެސް މަރުވެފައިވާ ކަމަށް ކުރިން ރިޕޯޓް ކޮށްފައި ވަނީ އޭނާ މަރުވެއްޖެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ކޮމްފޯމްކޮށް އެސްއެމްއެސް އެލާޓް ފޮނުވުމުންނެވެ.
"އެގޮތަށް މައުލޫމާތު ފޮނުވީ އެގޮތަށް މައުލޫމާތު ލިބިގެން. އެކަމަކު މިހާރު އެނގިފައި ވަނީ މަރު ނުވާ ކަމަށް،" ފުލުސް މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.
ރޭގެ އެކްސިޑެންޓްގައި އަޙުމަދު އިބްރާހީމް މަރުވެފައިވަނީ އެކްސިޑެންޓަށްފަހު ކުޅުދުއްފުށި ހޮސްޕިޓަލްގައި ރޭ ފަތިހު 5:30 ގައި ފާރުވާ ދޭން ފެށިތަނާ އެވެ. ސިނާހު ކޯމާއަލަށް ދިޔައީ އެކްސިޑެންޓްގައި އޭނާއަށް ލިބުނު ސީރިއަސް އަނިޔާތަކަށް އައިސީޔޫ ގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.
ރޭ ހިނގި އެކްސިޑެންޓްގައި ދެމީހުންގެ ބޯފަޅައިގެން ގޮސް، ކަންފަތުންނާއި ނޭފަތުން ގިނަ ޢަދަދަކަށް ލޭ އައިސްފައިވާ ކަމަށާއި އެކްސިޑެންޓް ހިނގި ސަރަހައްދަށް ފުލުހުން ދިޔައިރު އެކަކު އޮތީ ސައިކަލުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އަނެއް މީހާ އޮތީ ސައިކަލާއި 14 ވަރަކަށް ފޫޓު ދުރުގައި ކަމަށާއި ދެމީހުން ވެސް ތިބީ ހޭނެތިފައި ކަމަށެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގައިފައި ވަނީ ދެމީހުން ދުއްވި ސައިކަލް އެރަށު ހަވާނާގޭގެ ފާރުގައި ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ.
ރޭގެ އެކްސިޑެންޓްގައި ދުއްވި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. ނަމަވެސް ސައިކަލު ފާރުގައި ޖެހެންދިމާވި ސަބަބު އަދި ނޭނގެ އެވެ. މިހާދިސާ ފުލުހުން ދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.