ފެނަކައިގެ ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި، ދަރަނިތައް އަދާ ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން އެކަމަށް ގޮވާލައި، މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ގަރާރު ހުށަހެޅުއްވީ އެކަމާ ގުޅޭ ކުއްލި މައްސަލަވެސް ހުށަހެޅުއްވި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

ގަރާރުގައި ބުނީ ފެނަކައިން ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށްފަހު މާލެއާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ރުފިޔާއަށް ދަރާފައިވާ ކަަމަށެވެ. އަދި އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން މުވައްޒަފުންނަށް މުސާރަ ނުދެވި، ކުލި ދެއްކުންފަދަ ކަންކަން ހަމަޖައްސަން ދަތިވެ، ބައެއް ވިޔަފާރިތައް ހުއްޓިފައިވާއިރު ބައެއް ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށް ގަރާރުގައިވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ފެނަކައިން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް ތަކުރާރުކޮށް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފައިސާ ނުލިބުމުން، ބައެއް ފަރާތްތަކުން ފެނަކަ މައި އޮފީސް ކުރިމަތީގައި މުޒާހަރާކުރާ ހިސާބަށް ފެނަކައިގެ ހާލަތު ގޯސްވެފައިވާ ކަމަށާއި އަދި، ފެނަކައާ މެދު ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކާއި އާންމު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގަރާރުގައި ބުނީ ވުމާއެކު އެކަންކަމަށް ޒިންމާވާން ޖެހޭ ފަރާތްތައް ދެނެގަނެ، ފެނައިކައިގެ މެނޭޖްމަންޓް އޮޑިޓަކާއި ފައިނޭންޝަލް އޮޑިޓެއް ހަދައި، ކައިރި މުސްތަގުބަލެއްގައި ފެނަކައިގެ ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

ފެނަކަ ދަރާފައިވާ ވިޔަފާރިތަކަށާއި ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ނުލިބި އޮވެ، ވެރިކަމުގެ މި ދައުރު ނިމިއްޖެނަމަ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް އެ ވިޔަފާރިތަކަށް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ގަރާރުގައިވެއެވެ.