އީދު ދުވަހު މާލެ ސަރަހައްދަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާގެ މީޓްރޮލިސްޓަކު "ސަން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މާލެ ސަރަހައްދަށް އީދު ދުވަހު ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ވާރޭކޮޅެއް އެބަ ދައްކާ. މިހާރު މޮޑެލްތަކުން މާ ބޯ ވިއްސާރައެއް ނުދައްކާ. ކޮންމެވެސް ވަރެއްގެ ކެރިކޮޅެއް އެބަ ދައްކާ އެކަމަކު،" އޭނާ ވިދާޅުވިއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތު ވެސް އެބައޮތެވެ. މެދުރާއްޖެތެރެއާއި އުތުރުގައި ވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ހުއްޓަސް، މާ ބޯކޮށް ވާރޭ ވެހޭނެކަމަކަށް ނުބެލެވެއެވެ.

"ބުރާސްފަތި، ހުކުރު އަދި ހޮނިހިރުގައި ވެސް ކެރީގެ އަސަރުކުރާނެ ކަމަށް ބެލެވެނީ،"

އީދު ބަންދާ ދިމާކޮށް ވަރަށް ގިނަ ބަޔަކު އަތޮޅުތެރޭގެ ރަށްތަކަށް ދަތުރު ވެސް ކުރެއެވެ. މެޓް އޮފީހުން ބުނީ، ކަނޑުތައް ގަދަ ނޫން ކަމަށާއި ވައި ވެސް ބާރު ނޫން ކަމަށެވެ.

މާލެ ސަރަހައްދުގައި މޫސުން ތަންދޭނަމަ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މޫސުން ތަންނުދޭނަމަ، ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.