17 Apr 2023, 10:37
ހިޔާ ފްލެޓުގައި، މި ރަމަޟާން މަހު ހިނގި ދެ އަލިފާނުގެ ހާދިސާ ވެސް ހިނގާފައި ވަނީ ބެލްކަނީގައި ހުރި ކުނިތަކެއްގެ މައްޗަށް ސިނގިރޭޓު ފިލްޓަރެއް އެއްލައިލުމުގެ ސަބަބުން ކަމަށް ވާއިރު، އެކަން ކުރި މީހުން އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް އާބަންކޯއިން މިއަދު ބުނެފިއެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ހިޔާ ޓަވަރު ފަހެއްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިގާފައިވެއެވެ. އަދި މިދިޔަ ހުކުރު ދުވަހު ޓަވަރު ހަތެއް ގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެ، ދެ ހާދިސާ ވެސް ހިނގާފައި ވަނީ ބެލްކަނީގައި ހުރި ކުނިތަކެއްގެ މައްޗަށް ސިނގިރޭޓު ފިލްޓަރެއް އެއްލައިލުމުގެ ސަބަބުންނެވެ.
އެކަމާ ގުޅިގެން އާބަންކޯއިން އެ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު އެ ކުންފުނިން ބުނީ ފުލުހުން ދަނީ އެ މައްސަލަތައް ތަހުގީގު ކުރަމުން ކަަމަށެވެ. ނަމަވެސް މިހާތަނަށް އެކަން ކުރި މީހުން ދެނެގަނެވިފައި ނުވާ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.
އެ ދެ ހާދިސާއާ ގުޅިގެން ނުރުހުން ފާޅުކުރައްވައި އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހް "ސަން"އަށް ކުރިން ވިދާޅުވީ މިއީ އެއްވެސް ވަރަކަށް އެ ކުންފުނިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެގޮތަށް އަމަލުކުރާކަން ފާހަގަކުރެވޭ ހިސާބުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެފަދަ ފަރާތްތަކުގެ ފުލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައެވެ.
އެހެން ތަންތަނުގައި އަލިފާނުގެ ހާދިސާތައް ހިނގުމާއި ހިޔާ ފުލެޓުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ތަފާތު ވާނެ ކަމަށް މިމްރާހް ވިދާޅުވިއެވެ. އެގޮތުން ހިޔާ އަވަށަކީ އެތައް ހާސް ރައްޔިތުންނެއް ދިރިއުޅޭ ސަރަހައްދެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.
މި ދެ ހާދިސާއާ ގުޅިގެން އާބަންކޯއިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ވަނީ، ހިޔާ ފްލެޓުތައް މީހުންނަށް ދީފައި ވަނީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެ ފްލެޓްތަކުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެ ފަދަ އެއްވެސް އަމަލެއް ކުރުމާއި އުނދަގޫވާނެ ފަދަ ކަންކަން ކުރުމަކީ ގާނޫނީ އެއްބަސްވުމެއްގެ ދަށުން މަނާކޮށްފައިވާ ކަންކަން ކަމަށް އެ ބަޔާނުގައިވެއެވެ.
"އޭގެ ތެރޭގައި ސިނގިރޭޓު ބުއިމާއި، އަލިފާން ރޯކުރުމާއި، އިމާރާތުގައި ދިރިއުޅޭ ބަޔަކަށް ނުވަތަ އިމާރާތަށް ގެއްލުމެއް ވާނެ އެއްވެސް ކަމަކީ މަނާ ކަންކަމެވެ. އަދި ވަކިން ޚާއްސަކޮށް ފްލެޓްގެ ބެލްކަނިން ބޭރަށް ނުވަތަ ކޮރިޑޯއަށް އާންމުންނަށް އުނދަގޫވާނެ ގޮތަށް ވޭޕްކުރުމާއި، ސިނގިރޭޓު ބުއިން އަދި އަޅިކެނޑުމަކީ މަނާކަމެއްކަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެއެވެ." އާބަންކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން، އުސޫލުތަކާ ޚިލާފަށް އަމަލުކުރާ ނަމަ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން އެއްބަސްވުމާ ޚިލާފުވާ މިންވަރަށް ބަލައި، 1،000 ރުފިޔާ އާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާނުގައިވެެއެވެ.
"މިފަދަ ހާދިސާތައް ތަހުގީގު ކުރުމަށް ފަހު ރައްޔިތުންގެ ސަލާމަތަށް އިހުމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތު ވެސް އޮންނާނެއެވެ." އާބަންކޯއިން ބުންޏެވެ.