އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓު ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ތިންވަނަައަށް ޖެހިލައިފިއެވެ.

ރޭ ނޮޓިންހަމްގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އެ މެޗުގައި އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން ޔުނައިޓެޑުގެ ބްރޫނޯ ފަނާންޑޭޒް ފޮނުވާލި ބާރު ހަމަލާ ނޮޓިންހަމްގެ ކީޕަރު ނަވާސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ޔުނައިޓެޑުގެ އެންތޮނީ މާޝީއާލް ފޮނުވާލި ހަމަލާ ނޮޓިންހަމްގެ ކީޕަރު ނަވާސް އަތުގައި ޖެހިފައި ނިކުތުމުން އެންޓޮނީ އެއްފަހަރުން ގޯލުގެ ތެރެއަށް އެ ބޯޅަ ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ޔުނައިޓެޑާއި ނޮޓިންހަމް ބައްދަލުކުރި މެޗުގެ ތެރެއިން ----

މެޗުގެ ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ފަނާންޑޭޒް ވަނީ ނޮޓިންހަމް އޭރިއާގެ އަރިމަތިން ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. އޭނާ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ގޯލުގެ މަތީ ދަނޑިއެވެ.

ޔުނައިޓެޑުން މެޗުގެ ދެވަނަ ގޯލު ޖެހީ 76 ވަނަ މިނެޓުގައެވެ. އެންޓޮނީ ތަނަވަސްކުރި ފުރުސަތަކުން އެ ގޯލު ޖެހީ ޑިއޭގޯ ޑެލޮޓްއެވެ.

އެ މޮޅާއެކު ޔުނައިޓެޑު ތާވަލުގެ ތިންވަނައިގައި އޮތީ 30 މެޗު ކުޅެ ލިބުނު 59 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ނޮޓިންހަމް ތާވަލުގެ 18 ވަނައިގައި އޮތީ 31 މެޗު ކުޅެ 27 ޕޮއިންޓު ހޯދައިގެންނެވެ.