23 Apr 2012, 02:19
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ކުރިއަށް އޮތް ކުލަބު މޯލްޑިވްސް ކަޕުގައި ނުކުޅެވޭގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.
ރައީސް އަލީ އާޒިމް ވިދާޅުވީ އެގޮތަށް ނިންމީ ދިވެހި ފުޓްބޯޅަ އަށް އެންމެ ރަނގަޅު ގޮތަކީ ކުލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ގައުމީ ޓީމުގެ ކުޅުންތެރިން ބައިވެރިނުވުން ކަމަށް ހިންގާކޮމިޓީ އަށް ވެސް ގަބޫލުކުރެވޭތީ ކަމަށެވެ.
އާޒިމް ވިދާޅުވެފައިވަނީ ގައުމީ ޓީމުގެ ކުޅުންތެރިން އެ މުބާރާތުގައި ކުޅެން ފުރުސަތު ނުދިނުމާމެދު ވަރަށް ރަނގަޅަށް ކުލަބު މޯލްޑިވްސްގެ އޮފިޝަލުންނާއެކު މަޝްވަރާކުރެވިފައިވާ ކަމަށެވެ.
ކުލަބު މޯލްޑިވްސްގެ އިތުރުން އެހެނިހެން ފުޓްސަލް މުބާރާތްތަކުގައި ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން ކުޅޭތީވެ ކޮންމެ އަހަރަކު ވެސް އެކިސިފަސިފާގައި ކުލަބުތަކުންނާއި ގައުމީ ޓީމުގެ އޮފިޝަލުން އެފްއޭއެމަށް ޝަކުވާ ހުށަހަޅަ އެވެ. އަދި މިފަހަރު ފުޓްސަލް ކުޅުންތެރިންނަށް ނުކުޅެވޭގޮތަށް ނިންމީ މި ޝަކުވާތަކަށް ބެލުމަށްފަހު ކަމަށް ވެސް ގައުމީ ފުޓްބޯޅަ އިދާރާއިން ބުނެ އެވެ.
އެފްއޭއެމުން ވަނީ މިދިޔަ އަހަރުން ފެށިގެން ފީފާ ފުޓްބޯޅަ ރެފްރީންނަށް ފުޓްސަލް މުބާރާތްތަކުގައި ރެފްރީކަން ވެސް ނުކުރެވޭގޮތަށް ނިންމައިފަ އެވެ.