17 Apr 2023, 09:50
ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ފިލްމު ފެސްޓިވަލް ކަމަށްވާ ފްރާންސްގެ ކާންސް ފެސްޓިވަލްގައި މި އަހަރު ދެއްކުމަށް ހަމަޖެހިފައިވާ ބޮޑެތި އުފެއްދުންތައް ހާމަކޮށްފިއެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ ފަހުކޮޅުގައި ފްރާންސްގެ ކާންސްގައި ބާއްވާ ފިލްމު ފެސްޓިވަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ފާހަގަކޮށްލެވޭ ވަރުގަދަ ފިލްމުތަކާއި ޝޯތައް އިއުލާނުކޮށް އާންމުކުރާ ބޮޑު ފެސްޓިވަލްއެކެވެ. ބޮޑެތި ސިނަމާ ތަކަށް ނެރޭ ވަރުގަދަ ފިލްމުތައް އާންމުންނަށް ދެއްކުމުގެ އެތައް މަހެއް ކުރީން މި ފެސްޓިވަލްގެ ތެރެއިން ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ.
މި އަހަރުގެ ފެސްޓިވަލުގައި އަޅުވަން ހަމަޖެހިފައިވާ އުފެއްދުންތަކުގެ ތެެރެއިން އެންމެ ފާހަގަކޮށްލެވޭ އުފެއްދުންތަކަކީ މާޓިން ސްކޯސޭޒީގެ "ކިލާސް އޮފް ފްލާވާ މޫން" އާއި ވެސް އެންޑަސަންގެ "އެސްޓަރޮއިޑް ސިޓީ"އެވެ. އޭގެ އިތުރުން ސްޓީވް މެކުއީންގެ "އޮކިއުޕައިޑް ސިޓީ" އާއި ޖޮނަތަން ގްލޭޒާގެ "ދަ ޒޯން އޮފް އިންޓަރެސްޓް" ވެސް މި ފެސްޓިވަލްގައި އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ފެސްޓިވަލުގައި އަޅުވާ ބޮޑެތި ފިލްމުތަކުގައި ހޮލީވުޑްގެ ބޮޑެތި ނަންތައް ހިމެނެއެވެ. އޭގެތެރޭގައި ޕެެޑްރޯ ޕާސްކަލް އާއި އީތަން ހޯކް އާއި ޖޮނީ ޑެޕް ހިމެނެއެވެ.
މި ހުރިހާ ފިލްމުތަކަކީ ފެސްޓިވަލްގެ ޝަރަފުވެރި އެވޯޑް، "ޕާމް ޑޮއޯ" އަށް ވާދަކުރާ ފިލްމުތަކެވެ.
އެޗްބީއޯގެ އެންމެ ކޮންޓްރޮވާޝަލް ޝޯ ކަމަށްވާ "ދަ އައިޑަލް" ވެސް ވަނީ ފެސްޓިވަލްގައި ލޯންޗުކުރުމަށް އިއުލާނުކޮށްފައެވެ. ނަމަވެސް މި ޝޯ އަކީ އެވޯޑަށް ވާދަކުރާ ޝޯއެއް ނޫނެވެ.
ކާންސް ފެސްޓިވަލް އަކީ ދުނިޔޭގެ އެންމެ ބޮޑެތި ތަރީން ވެސް ބައިވެރިވާ ފެސްޓިވަލް އެކެވެ. އެގޮތުން ތަފާތު ބްރޭންޑުތަކުގެ އެންޑޯޒްމެންޓްތަކާއެކު މި ފެސްޓިވަލުން ވެސް މަގުބޫލު ތަރިންތައް ފެނިގެންދާނެއެވެ.
މިދިޔަ އަހަރުގެ ފެސްޓިވަލްގައި އެންމެ ބޮޑެތި އެވޯޑުތައް ގެންގޮސްފައިވަނީ "ޓްރައިއެންގަލް އޮފް ސޭޑްނެސް" އެވެ. މި ފިލްމު ވަނީ އޮސްކާގެ އެވޯޑުތަކަށް ވެސް ނޯމިނޭޓް ވެފައެވެ. ނަމަވެސް އޮސްކާއިން ފިލްމަށް އެއްވެސް ކާމިިޔާބީއެއް ލިބިފައެއް ނުވެއެވެ.
މިއަހަރުގެ ފެސްޓިވަލް ކުރިއަށްދާނީ އަންނަ މަހުގެ 16 އިން ފެށިގެން 27ގެ ނިޔަލަށެވެ.