17 Apr 2023, 10:42
ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާ ގޯލެއް ނުޖެހި ގެޓާފޭއާ އެއްވަރުވެއްޖެއެވެ.
ރޭ ގެޓާފޭގެ ދަނޑުގައި ކުޅުނު އެ މެޗުގައި ބާސާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
އެ ޓީމަށް މެޗުގައި މާ ނުރައްކާތެރި ގިނަ ހަމަލާތަކެއް ނޫފެއްދުނު ނަމަވެސް މެޗުގެ 24 ވަނަ މިނެޓުގައި ބާސާއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
އޭރިއާ ބޭރުން ބާސާގެ ރަފީނިއާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ދަނޑީގައި ޖެހިފައި ކުޅުމަށް އެނބުރި އައުމުން ބާސާގެ އެލެކްސްޑްރޯ ބަލްޑޭ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ފުރަތަމަ ހާފު ނިމެން ދަނިކޮށް ސާޖިއޯ ބުސްކެޓު ނެގި ހުރަހަށް އަރައި ރޮބާޓޯ ލެވަންޑޯސްކީ ބޮލުން ގޯލަށް ފޮނުވާލި ނަމަވެސް އެ ހަމަލާ ގެޓާފާގެ ކީޕަރު ޑޭވިޑް ސޮރިއާ ވަނީ ދިފާއުކޮށްފައެވެ.

ބާސާއާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން ---
މެޗުގެ 55 ވަނަ މިނެޓުގައި ވެސް ބާސާއަށް ވަނީ ގޯލެއް ޖަހާނެ ފުރުސަތެއް ލިބިފައެވެ. ޖޯޑީ އަލްބާ ގެޓާފޭ އޭރިއާ ތެރެއަށް ނެގި ހުރަހަކުން ލެވަންޑޯސްކީ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.
ޖެހިޖެހިގެން ދެ ހަފުތާގައި ބާސާއަތުން އަތުން ހަތަރު ޕޮއިންޓް ގެއްލިފައިވާއިރު އެ ޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 29 މެޗުން 73 ޕޮއިންޓު ހޯދައިގެންނެވެ. ގެޓާފޭ ތާވަލުގެ 15 ވަނައިގައި އޮތީ 29 މެޗުން 31 ޕޮއިންޓު ހޯދައިގެންނެވެ.