16 Apr 2023, 23:22
ޓޫރިސްޓު ރިސޯޓުތައް ތަރައްގީކުރަން ދިވެހި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ހަދާފައިވާ ތިން ޖޮއިންޓް ވެންޗާ (ޖޭވީ)އެއްގައިވާ ސަރުކާރުގެ ހިއްސާ އަގުކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
ހިއްސާ ވިއްކާލަން މަސައްކަތް ކުރަމުންދާ ޖޭވީ ކުންފުނިތަކަކީ ޓޫރިޒަމު ގާނޫނުގައިވާ ގޮތަށް، ގިނަ ބަޔަކު ބައިވެރިވާ ބީލަން މަރުހަލާއަށް ނުގޮސް ރަށްތައް ކުުއްޔަށް ދޭން ހަދާފައިވާ ކުންފުނިތަކަކެވެ. ފިނޭންސް މިނިސްޓްރީން ލިބެން ހުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިގޮތަށް 39 ކުންފުންޏެއްގައި ސަރުކާރުގެ ހިއްސާވެއެވެ.
ނަމަވެސް، މި ސަރުކާރުން ވަނީ މިގޮތަށް ހަދާފައިވާ ކުންފުނިތަކުގެ ސަބަބުން އިންވެސްޓަރުންނަށާއި ސަރުކާރަށް ވެސް ގެއްލުންވާ ކަމަށް ބުނެ އެ ހިއްސާ ވިއްކާލެވޭ ގޮތަށް ދެ ފަހަރެއްގެ މަތިން ގާނޫނު އިސްލާހުކޮށް، ޓޫރިޒަމްގެ ބޭނުންތަކަށް ހަދާފައިވާ ކުންފުނިތަކުގައިވާ ހިއްސާ ވިއްކާލުމާ ބެހޭ ގަވާއިދު އާންމުކޮށްފައެވެ.
ޖޭވީތަކުގައިވާ ހިއްސާ ވިއްކާލުމުގެ ގަވާއިދުގައި ލާޒިމުކޮށްފައިވާ ކަންކަމުގެ ތެރޭގައި، ހިއްސާ ވިއްކާލުމުގެ ކުރިން މުސްތަގިއްލު ވެލިއުއާއެއް މެދުވެރިކޮށް އެ ރަށެއް ނުވަތަ ފަޅެއް ކުއްޔަށް ނަގާފައިވާ ކުންފުންޏެއްގައި ދަށުގައި ހުރި ހުރިހާ ހަރު މުދަލެއް އަގުކުރަން ޖެހެއެވެ.
އެގޮތުން، ސަރުކާރުގެ ހިއްސާ އަގުކުރަން ފިނޭންސުން މިއަދު ކުރި އިއުލާނުތަކުގައި ހިމެނޭ ކުންފުނިތަކަކީ:
ހުރަސްފަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
- ނާއިންފަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
- ބޮޑުމޮހޮރާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް
މި ކުންފުނިތަކުގެ ތެރެއިން ހުރަސްފަރު ހޯލްޑިންސްގްސް އާއި ނާއިންފަރު ހޯލްޑިންސްގްސްއަކީ ދިވެހި ސަރުކާރުގެ %5 ހިއްސާ ހިމެނޭގޮތަށް ދި އެކްސްކުއިސިޓް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއެކީ ހަދާފައިވާ ކުންފުނިތަކެކެވެ. ދި އެކްސްކުއިސިޓް ހޮލިޑޭސްގެ ހިއްސާދާރުންނަކީ އަހުމަދު އަލީ ހަބީބު އާއި ހަސަން އަލީ ހަބީބުގެ އިތުރުން ޒަހާ ރެސިޑެންސަސް އެންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑެވެ. ޒަހާ ރެސިޑެންސަސް އެންޑް ހޮޓެލްސްއަކީ މަޝްހޫރު ލިޓަސް ވިޔަފާރީގެ ހިއްސާދާރުންގެ ކުންފުންޏެކެވެ.

ހުރަސްފަރު ހޯލްޑިންގްސްއިން ކުއްޔަށް ނަގާފައިވާ ށ. ހުރަސްފަރު -- ފޮޓޯ/ގޫގުލް މެޕްސް
ބޮޑުމޮހޮރާ އިންވެސްޓްމަންޓްސްއަކީ ދިވެހި ސަރުކާރުގެ %10 ހިއްސާ ހިމެނޭ ގޮތަށް މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކީ ހަދާފައިވާ ކުންފުންޏެކެވެ. މެރިން ޓެކްނޮލޮޖީ މޯލްޑިވްސްްގެ ހިއްސާދާރުންނަކީ ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު އާއި ކުރީގެ އެޓާނީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދެވެ.
ފިނޭންސުގެ އިއުލާނުތަކުގައިވާ ގޮތުން މި ތިން ކުންފުނީގައިވާ ހިއްސާ އަގު ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަމުން، މައި ހިއްސާދާރު ހިއްސާ ގަންނަން ބޭނުންވެގެންނެެވެ. މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ 11:00އެވެ.

ނާއިންފަރު ހޯލްޑިންގްސްއިން ކުއްޔަށް ނަގާފައިވާ ށ. ނާއިންފަރު -- ފޮޓޯ/ގޫގުލް މެޕްސް
ޓޫރިޒަމް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، ހިއްސާ ވިއްކާލަން މަސައްކަތް ކުރަމުންދާ ތިން ކުންފުނިން ތަރައްގީކުރަމުން އަންނަ ރިސޯޓުތައް އަދިވެސް ނުހުޅުވައެވެ.
މީގެ ކުރިން ސަރުކާރުން ވަނީ މިގޮތަށް، ތިލަދޫ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގައި އޮތް ސަރުކާރުގެ %5 ހިއްސާ، ޔުނިވާސަލް ރިސޯޓްސްގެ ބާނީ ޑރ. އިބްރާހިމް އުމަރު މަނިކު އާއި އާއިލާއިން ހިއްސާވާ ޑީޕް ބްލޫ ޕްރައިވެޓް ލިމިޓެޑަށް މި އަހަރުގެ ކުރީކޮޅު ވިއްކާލާފައެވެ.