16 Apr 2023, 16:21
ރ. އަލިފުށީ މަގުތަކުގައި ތާރުއަޅަން، ޕްލޭނިންގް މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
އަލިފުށީ ބޮޑެތި މަގުތައް ޑިޒައިންކޮށް ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 90.96 މިލިއަން ރުފިޔާއަށެވެ. އެއީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން އަލިފުށީގެ 3.8 ކިލޯމީޓަރު މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމާއެކު މަގުތަކުގައި މަގު ބައްތި ޖަހާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އާރްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އެެވެ.
އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން އަލިފުށީ ކައުންސިލްގެ ރައީސް، އާދަމް އިމްރާން ވިދާޅުވީ އެ މަޝްރޫއާއެކު މަގުތަކަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ލިބޭނެ ކަމަށެވެ. އެގޮތުން ފެން ބޮޑުވުމުގެ މައްސަލައާއި އަޑިގުޑަންތަކުގެ ސަބަބުން ދުއްވާ އުޅަނދުފަހަރަށް ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މަގުތަކުގައި ހިޔާ ނެތި، މަގުތައް އިންތިހާއަށް ހޫނުގަދަ ވުމަކީ ވެސް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. ނަމަވެސް މި މަޝްރޫއު ނިމުމުން ޕްލޭނެއެ އެކުލަވާވެލި މަގުތަކުގައި ގަސް އިންދާ، އެ މައްސަލައަށް ހައްލު ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.