23 Apr 2012, 02:05
ޗެމްޕިއަންސް ލީގު ފައިނަލަށް ދިއުމަށް ބާސެލޯނާ އާއި ޗެލްސީ ކުޅޭ ފަހު ލެގަށްފަހު 5-1 އިން ބާސެލޯނާ އަށް ކުރި ލިބޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކީޕަރު އެޑްވިން ވެންޑަސާ ބުނެފި އެވެ.
"ބާސެލޯނާ ކަހަލަ ޓީމަކާ ދެކޮޅަށް އަބަދު ޑިފެންސްކޮށްގެން ފަރުޖައްސާނުލެވޭނެ. އަހަރެން ގަބޫލު ކުރަނީ ދެވަނަ ލެގް ބާސެލޯނާ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރާނެ ކަމަށް. ގަބޫލު ކުރަނީ ފައިނަލް ނަތީޖާއަކީ 5-1 ކަމަށް،" 2008 ވަނަ އަހަރު ބާސެލޯނާ އަތުން ފައިނަލުގައި ބަލިވެ މެންޗެސްޓާގެ ކީޕަރު، ވެންޑަސާ ބުންޏެވެ.
ދެ ފަހަރެއްގެ މަތީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކީޕަރު ބުނީ ސެމީގެ ފުރަތަމަ މެޗުގައި ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި ޗެލްސީ 1-0 އިން މޮޅުވިއިރު ކުޅުނު ދިފާއީ ގޭމަކީ ފޫހި ފުޓްބޯޅައެއް ކަމަށެވެ. އަދި ފުޓްބޯޅައިގެ ފޯރި ދެމެހެއްޓުމަށް ޗެލްސީ ކަޓައި ބާސެލޯނާ ފައިނަލް ކުޅެން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
"އަހަރެން ލޯބިކުރަން އެޓޭކިން ފުޓްބޯޅަ އަށް. ޗެލްސީ އެ މެޗުގައި އެއްވެސް ކަމެއް ނުކުރޭ. އެންމެ އެޓޭކެއް ކުރީ. އެބޯޅަ ގޯލަށް ވަނީ. އެމީހުންގެ ނުވަ ކުޅުންތެރިން ދިފާއު ކުރޭ. ދެން މެދުތެރޭގައި ވެސް އެހާ ކުޅުންތެރިން ގިނަ. އަހަރެން އުއްމީދު ކުރަނީ ބާސެލޯނާ މޮޅުވާނެ ކަމަށް،" ހޮލެންޑްގެ ކުރީގެ ގައުމީ ކީޕަރު ބުންޏެވެ.
ވެންޑަސާ އަކި ރޮބާޓޯ ޑިމަޓިއޯގެ ޗެލްސީ އަށް ފާޑުކިޔާފައިވާ ހަމައެކަނި ކުޅުންތެރިޔާ އެއްނޫނެވެ. ހޮލެންޑްގެ ފޭނޫޑްގެ ކޯޗު ރޮނަލްޑް ކޮއެމަން ބުނީ ޗެލްސީ ކުޅުނުގޮތަށް އޭނާގެ ކޯޗުކަމުގައިވާ ޓީމަށް ކުޅެން ފުރުސަތު ނުދޭނެ ކަމަށެވެ.
"ޑޮރޮގްބާގެ ގޯލަކީ ނޫކޭމްޕްގައި ވެސް ޗެލްސީ ޑިފެންސްކުރަން ޖެހުމެއް. އެކަމަކު ފަހު ލެގުގައި ޑިފެންސްކޮށްގެން ހަމަޖައްސާނުލެވޭނެ. މިއީ ޗެލްސީ އަށް ވެސް މެޗެއްގައި ތަފާތުކަމެއް ކުރަން ލިބޑޭ ފުރުސަތެއް. އަމިއްލަ ދަނޑުގައި ޑިފެންސްކުރުން ނޫން ކަމެއް އެމީހުން ކޮށްފައެއްނެތް. މިއީ އަހަރެން ހިތްވަރުދޭ ކަހަލަ ކުޅުމެއްނޫން،" 1992 ވަނަ އަހަރު ބާސެލޯނާގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކޮއެމަން ބުންޏެވެ.
ސެމީ ފައިނަލްގެ ދެ ވަނަ ލެގް ކުޅޭނީ މާދަމާރޭ އެވެ.