މި މަހުގެ 21ވާ ހުކުރު ދުވަހު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "ކިސީކާ ބާއި ކިސީކީ ޖާން"ގެ ބަތަލާ ޕޫޖާ ހެގްޑޭ ހުރީ ސިންގަލްކޮށްކަމަށް ބަތަލާ ބުނެފިއެވެ.

ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ޕޫޖާ ބުނެފައިވަނީ ފިލްމުގެ ކޯ-ސްޓާ ސަލްމާން ޚާންއާއެކު ލޯބީގެ ގުޅުމެއް އޮތްކަމަށް އަޑު ފެތުރިފައިވީނަމަވެސް އެކަމުގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމަށެވެ. ސަބަބަކީ ޕޫޖާގެ ހަޔާތުގައި ލޯބިވެރިއަކު ނުވަތަ އެފަދަ ހާއްސަ މަޤާމެއް ދެވިފައިވާ ފަރާތެއް މިވަގުތު ނެތުމާއެކުއެވެ.

ޕޫޖާއާއި ސަލްމާން ޚާންގެ މެދުގައި ހާއްސަ ގުޅުމެއް އޮތްކަމުގެ އަޑުތައް ފުރަތަމަ ފެތުރެންފެށީ ފިލްމުގެ ޓްރެއިލާ ލޯންޗުކުރި އިވެންޓަށް ފަހުއެވެ. އޭގެ ފަހުން ފިލްމުގެ ލަވަތައް ރިލީޒްކުރެވޭ ކޮންމެ ފަހަރަކުވެސް ދެ ތަރިންގެ ލޯބީގެ ގުޅުމާބެހޭގޮތުން ނޫސްތަކުގެ ފަލަ ސުރުހީއިން ދިޔައީ ޖާގަ ހޯދަމުންނެވެ.

ޕޫޖާ ބުނެފައިވަނީ ހަޔާތުގައި ބައިވެރިއެއް ހޯދުމަކީ މިވަގުތު އެހާ އިސްކަމެއް ދޭ ކަމެއް ނޫން ކަމަށެވެ. އެއަށްވުރެ ބޮޑަށް ފޯކަސްކުރަން ބޭނުންވަނީ ފިލްމީ ކެރިއަރު ރަނގަޅުގޮތުގައި ބައްޓަންކުރުމަށް ކަމަށް ޕޫޖާ ވަނީ ބުނެފައެވެ. މީޑިއާތަކުން ފަތުރާ މިފަދަ ޚަބަރުތަކަށް މާބޮޑު ސަމާލުކަމެއް ދޭން ބޭނުންނުވާ ކަމަށް ވެސް ޕޫޖާ ވަނީ މި އިވެންޓުގައި ބުނެފައެވެ.

ތެލުގޫ އަދި ތަމަޅަ ފިލްމުތަކުން ފިލްމީ ކެރިއަރު ފެށި ޕޫޖާ ހިންދީ ސިނަމާއަށް ތަޢާރަފްވެފައިވަނީ 2016ވަނަ އަހަރު ރިލީޒްވި ފިލްމު "މޮހެންޖޯ ދާރޯ"އިންނެވެ. އޭގެފަހުން 2019ވަނަ އަހަރު ފިލްމު "ހައުސްފުލް 4"އިން ބަތަލާ ފެނިފައިވާއިރު މިދިޔަ އަހަރު ޕޫޖާގެ ދެ ފިލްމެއް ވަނީ ރިލީޒްވެފައެވެ. އޭގެތެރެއިން ތަމަޅަ އަދި ހިންދީ ބަހުން ރިލީޒްކުރި ފިލްމު "ރާދޭ ޝްޔާމް"އަށް ބެލުންތެރިންގެ ތަރުހީބު ވަނީ ލިބިފައެވެ. ޕޫޖާއަކީ 2010ވަނަ އަހަރު ބޭއްވި މިސް ޔުނިވާސް އިންޑިއާގެ ރަނާ-އަޕްވެސް މެއެވެ.