ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާ ގޮތުގެމަތިން، ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ފާތިމަތު ޞަލާހާ އައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ހއ.ފިއްލަދޫ، ނިއުސްޓާ، ފާތިމަތު ޞަލާހާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

ޞަލާހާ ވަނީ 2023 ވަނަ އަހަރު ޗާޓާޑް ސެޓްފައިޑް އެކައުންޓެންޓު އޮފް މޯލްޑިވްސްގެ މެންބަރަކަށް ވެވަޑައިގެންފައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން އޭނާ އަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓްފިކެޓްޑް އެކައުންޓެންޓްސް ގެ މެންބަރެއް ވެސްމެއެވެ.

ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް، ޞަލާހާ އައްޔަނުކުރެއްވުމުގެ ކުރިން ފުރުއްވަމުން ގެންދެވީ، ފިނޭންސް މިނިސްޓްރީގެ ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަގާމެވެ. މީގެ ކުރިން އޭނާ ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގައި މެނޭޖަރު ކަމާއި ފައިނޭންސް އެންޑް އެކައުންޓްސްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

އޭގެ އިތުރުން ޞަލާހާ ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އެ އޮފީހުގައި އޭނާ ވަނީ މެނޭޖާ، ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަގާމު އަދާކުރައްވާފައެވެ.