ސްކޭމަރުން ނަހަމަ ގޮތުގައި މީހުންގެ އަތުން ފައިސާ ފޭރުމަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެ ފުރާވަރުގެ ކުދިންގެ އަޑު ކްލޯންކޮށް ބެލެނިވެރިންނަށް އޮޅުވާލަމުންދާ ކަމަށް އޮންލައިން ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ ސީބީއެސް ނިއުސްއާ ގުޅުން ހުރި ނިއުސް ޗެނަލެއް ކަމަށްވާ ޑަބްލިއުކޭވައިޓީގެ ރިޕޯޓެއްގައި ވާގޮތުން އެރިޒޯނާއަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ "ޖެނިފާ ޑިސްޓެފަނޯ"އަށް އެއް ދުވަހަކު ނޭނގޭ ނަންބަރަކުން ގުޅައިގެން އޭނާގެ ދުނިޔެ ފުނޑުފުނޑުކޮށްލިއެވެ.

ޑެސްޓެފާނޯ ނިއުސް ޗެނަލަށް ބުނީ އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅު ސްކީ ދަތުރަކަށް ނުކުތް ވަގުތު އޭނާއަށް އެ ކޯލް ލިބުނު ކަމަށެވެ. ފޯނު ނެގި ހިނދު އަންހެން މީހާއަށް އިވުނީ އަންހެން ދަރިފުޅުގެ އަޑުން 'މަންމާ' އޭ ބުނިއަޑެވެ. ދެން އޭގެ ފަހުން ގިސްލުމުގެ އަޑު އިވުނެވެ. އޭގެ ފަހުން ވާހަކަ ދެއްކި ފިރިހެނެއްގެ އަޑަކީ ބިރުވެރި އަޑެކެވެ.

"އަހަރެންނަށް ކަލޭގެ ދަރިފުޅު ލިބިއްޖެ، އޭނާ މިހިރީ މިތާންގައި، ފުލުހުންނަށް، ގުޅިޔަސް ކޮންމެ މީހަކަށް ވެސް ގުޅިޔަސް އަހަރެން އޭނައަށް ބޭނުން ގޮތެއް ހަދާނަން" މިގޮތަށް ގިނަވާހަކަތަކެއް ދައްކާ އެ މީހާ ބިރުދަކަމުން ދިޔަކަމަށް އެ މީހާ ކިޔައިދިނެވެ.

އެއަށް ފަހު އަންހެން މީހާ އިތުރަށް ބުނީ ބެކްގްރައުންޑްގައި އަންހެން ދަރިފުޅުގެ އަޑު އިވޭ ކަމަށާއި އެހީއަށް ގޮވާއަޑު ވެސް އިވޭ ކަމަށެވެ. އެއަށް ފަހު އެ މީހާ ވަނީ ފުރާވަރުގެ އެ ކުއްޖާ ދޫކޮށްލުމަށް އެއް މިލިއަން ޑޮލަރު ޑިމާންޑުކޮށްފައެވެ. ނަމަވެސް ޑެސްޓެފާނޯ އޭނާގެ އަތުގައި އެހާ ގިނަ ފައިސާ ނެތް ކަމަށް ބުނުމުން 'ރަހީނުކުރި' މީހާ އެއްބަސްވީ 50،000 ޑޮލަރަށެވެ.

ޑެސްޓެފާނޯ އިތުރަށް ބުނީ އެ ކޯލު ލިބުނުއިރު އޭނާ ހުރީ އަންހެން ދަރިފުޅުގެ ޑާންސް ސްޓޫޑިއޯގައި ކަމަށާއި އެހެން މައިން ވެސް އެކުގައި ތިބި ކަމަށެވެ. އެއިން އެކަކު 911އަށް ގުޅާފައި އަނެއް މީހާ ޑެސްޓެފާނޯގެ ފިރިމީހާއަށް ގުޅިއެވެ. މިނިޓްތަކެއްގެ ތެރޭގައި އޭނާގެ ފުރާވަރުގެ އަންހެން ދަރިފުޅު ސްކީ ދަތުރުގައި ސަލާމަތުން ހުރިކަން ކަށަވަރުވިއެވެ. ނަމަވެސް އެ އަންހެން މީހާ ކިޔައިދިން ގޮތުގައި ފޯނުން އަޑު އިވުނީ ހަމަ އޭނާގެ އަންހެން ދަރިފުޅާ އެއްގޮތަށެވެ. ހަމަ އެއަޑުންނެވެ.

އެއްގޮތަކަށް ވެސް އެއީ އެ ކުއްޖާ އަޑުނޫން ކަމެއް ނޭންގޭ ކަމަށާއި، އެއީ މުޅިން ވެސް އޭނަގެ އަޑު ކަމަށާއި، އެއީ އޭނާ ރޯއަޑު ކަމަށް ޔަޤީންވާ ކަމަށް ވެސް ނިއުސް މީޑިއާއަށް އެ އަންހެން މީހާ ކިޔައިދިނެވެ.

ވިކްޓިމްގެ މަންމަގެ ފޭސްބުކް ޕޯސްޓެއް

އެ އަންހެން މީހާ ވަނީ ދާދި ފަހުން ކުރި ފޭސްބުކް ޕޯސްޓެއްގައި އެ ހާދިސާއާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އެ ޚަބަރު ހިއްސާކުރަމުން އެ މީހާ ވަނީ މިފަދަ ހާދިސާތަކުން ރައްކާތެރިވެ ތިބުމަށް އިންޒާރުދީފައެވެ.

އޭނާގެ ޕޯސްޓުގައި ލިޔެފައިވަނީ "އެންމެން މިކަން ބަލަން ޖެހޭނެ، ހިލޭ ލިބޭ އޭއައި އެޕްތަކުން ލޯބިވާ މީހާގެ އަޑު ބޭނުންކޮށްގެން ސްކޭމް ކުރެވޭނެ ހެއްޔެވެ؟ އަހަރެން އިތުރަށް ސާފުކުރަން ބޭނުންވަނީ އަހަންނަށް ގުޅި ނަންބަރަކީ އަހަރެން ނުދަންނަ ނަމްބަރަކަށް ވެފައި އަހަރެންގެ ނަމްބަރު އެމީހާހޯދިގޮތެއް؟

އަދި، އަޅުގަނޑުގެ އެންމެ ބޮޑު ބިރަކީ މިއީ އަޅުގަނޑަށް ޑިމާންޑް ކުރި ގޮތަށް އެހެން މީހުންނަށްވެސް ރަހީނު ކުރުމަށް ބޭނުން ކުރެވޭނެ ކަމެއް ކަމަށްވެދާނެތީ. ތިމާއަށް، ނުވަތަ ދަންނަ މީހަކަށް މިކަން ދިމާވެއްޖެ ނަމަ ރިޕޯޓް ކޮށްދެއްވާ. މިކަން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ އާންމު ހޭލުންތެރިކަން." އެ އަންހެން މީހާގެ ފޭސްބުކް ގައި ލިޔެފައިވެއެވެ.

އޭއައިގެ ނުރައްކަލަކީ އޭގެ އަނދިރިފަރާތުގައި ފޮރުވިފައިވާ ކަމެއް ކަމުގައި ވީ ނަމަވެސް އަދި އަޅުގަނޑުމެނަށް ނުވަތަ އަޅުގަނޑުމެންގެ ރައްޓެއްސަކަށް މިފަދަ ކަމެއް ދިފާވެފައި ނެތަސް މިފަދަ ކަމަކަށް ދިވެހިން ވެސް ހޭލާ ތިބުމަކީ މުހިންމު ކަމެއްކަން މި ހާދިސާއިން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ބާރުގަދަ އޭއައި ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުން ނުކުރާނެ ކަމަށް އެކަކު ވެސް ދެކިގެން ނުވާނެއެވެ.