17 Apr 2023, 09:41
އެކްޓަރު ރިތިކް ރޯޝަންގެ ޢާއިލީ ސުޕަހީރޯ ފިލްމު "ކްރިޝް"ގެ ހަތަރު ވަނަ ސިލްސިލާ ފިލްމު ޑައިރެކްޓްކުރުމުގެ މަޝްވަރާތައް ޑައިރެކްޓަރު ސިދާތް އާނަންދުއާއެކު ކުރިޔަށްދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސިދާތް އާނަންދަކީ މިއަހަރު ރިލީޒްވި ބްލޮކްބާސްޓަ ފިލްމު "ޕަތާން"ގެ ޑައިރެކްޓަރެވެ. ފިލްމު "ސަލާމް ނަމަސްތޭ"، "ތާރަ ރަމްޕަމް" އަދި "އަންޖާނާ އަންޖާނީ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރުގެ އެކްޝަން ފިލްމު "ބޭންގް ބޭންގް"އާއެކު ފަހަތަށް ބެލުމެއްނެތި އޭނާ މަސައްކަތްކުރީ އެކްޝަން ފިލްމުތައް ޑައިރެކްޓް ކުރުމުގައެވެ.
ފިލްމު "ބޭންގް ބޭންގް" ލީޑްރޯލް ރިތިކް ރޯޝަން ކުޅެފައިވާއިރު "ވޯ"ގެ ލީޑް ރޯލް ކުޅެފައިވަނީ ރިތިކް ރޯޝަން އަދި އެކްޓަރު ޓައިގާ ޝްރޮފްއެވެ.
ސިދާތް އާނަންދުގެ އެކްޝަން ފިލްމުތައް ހޯދަމުން އަންނަ ކާމިޔާބީއާއެކު "ކްރިޝް4" ވެގެންދާނީ ސިދާތް ޑައިރެކްޓްކުރާ ކެރިއަރުގެ ފުރަތަމަ ސުޕަ ހީރޯ ފިލްމަށެވެ. މީގެކުރިން މި ފިލްމުގެ ދެ ބައިވެސް ޑައިރެކްޓްކޮށްފައިވަނީ ރިތިކްގެ ބައްޕަ އަދި ކުރީގެ އެކްޓަރު ރާކޭޝް ރޯޝަންއެވެ.
ފިލްމާ ގުޅޭގޮތުން ކުރިޔަށްދާ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެނަމަ ސިދާތްއަށް މިފިލްމަށް ވަގުތު ދެވޭނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ފައިޓާ"ގެ ޝެޑިއުލް ނިމުމުންނެވެ. ފިލްމު "ފައިޓާ"އަކީ ސިދާތް އާއި ރިތިކް އެކީގައި މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ.
ފިލްމު "ކްރިޝް4"އަކީ 2003ވަނަ އަހަރު ރިލީޒްވި "ކޮއި މިލްގަޔާ" ފިލްމާއެކު ކުރި ފެޅި ސިލްސިލާގެ ހަތަރު ވަނަ ބައެވެ. ޑައިރެކްޓަރު ރާކޭޝް ރޯޝަން ބުނެފައިވަނީ 2024ގެ ކުރިން "ކްރިޝް4"ގެ މަސައްކަތް ފެށުމުގެ ވިސްނުމެއް ނެތްކަމުގައެވެ.