މި އަހަރުގެ ޑިސެމްބަރު މަހު މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ފިލްމު 'އާޝިޤީ3'ގެ ލީޑް ބަތަލާ ރޯލަށް ގެންނާނެ ފަރާތަކާމެދު އަދިވެސް މިވަނީ ސުވާލުތަކެއް އުފެދިފައެވެ.

ދުވަސްތަކެއް ކުރިން ފިލްމުގެ ބަތަލާގެ ރޯލް ސާރާ އަލީ ޚާން ގެންނަން އުޅޭކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. ނަމަވެސް ފަހުން ސާރާ ވަނީ މި ޚަބަރު ދޮގުކޮށްފައެވެ.

އަނޫރާގު ބާސޫ ޑައިރެކްޓްކޮށް މުކޭޝް ބަޓް އަދި ބުޝަން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ލީޑް ރޯލްއިން ފެންނާނީ އެކްޓަރު ކާތިކް އަރްޔަންއެވެ. ދާދިފަހުން ރިޕޯޓުތަކުން ބުނެފައިވަނީ ފިލްމަށް ގެންނަން ނިންމާފައިވަނީ އޭ-ލިސްޓު ބަތަލާއެއް ކަމަށެވެ. ގިނަ ފަރާތްތަކުން ބުރަވަނީ ފިލްމަށް ގެންނަން ނިންމާފައިވާ ދެ ބަތަލާއިންނަކީ ދިޕިކާ ޕަދުކޯން ނުވަތަ ކެޓްރިނާ ކައިފްކަމުގައެވެ.

ސަބަބަކީ ފިލްމަށް ގެންނަ ބަތަލާއަކީ މީގެކުރިން ކާތިކް އަރްޔަންއާއެކު މަސައްކަތް ނުކުރާ ބަތަލާއެއްކަމަށް ޝަރުތުކޮށްފައިވާތީއެވެ. ބަތަލާ ކެޓްރީނާ ކައިފް ކުރިން އަނޫރާގު ބާސޫއާއެކު މަސައްކަތް ކޮށްފައިވުމުން ކެޓްރީނާ ފިލްމަށް އެއްބަސްވުމަކީ ވެސް ވުން ކައިރި ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮންމެއަކަސް ފިލްމަށް ގެންނާނީ ދިޕިކާތޯ ނުވަތަ ކެޓްރީނާތޯ ސުވާލު އުފެދޭއިރު ދެ ފަރާތުން ވެސް ވަނީ މިފިލްމުގެ ޕްރޮޑަކްޝަން ޓީމާއެކު މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުރިކަމަށް އެކިފަހަރުމަތިން ބުނެފައެވެ.

ޑައިރެކްޓަރު އަނޫރާގު ބާސޫއަކީ، ކެރިއަރުގައި ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އެހެންވެ ފިލްމު 'އާޝިޤީ3'އާ މެދު ބެލުންތެރިންކުރާ އުއްމީދުވެސް ބޮޑެވެ. 'އާޝިޤީ"އަކީ ވަރަށް ރީތި ލޯބީގެ ވާހަކައަކަށް ބިނާކޮށްފައިވާ ފިލްމެކެވެ. އަދިތްޔަ ރޯއި ކަޕޫރު އަދި ބަތަލާ ޝްރަދާ ކަޕޫރު ލީޑް ރޯލް ކުޅުނު މިފިލްމުގެ ދެވަނަ ބަޔަކީ ވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބުނު ރީތި ފިލްމެކެވެ.