22 Apr 2012, 23:56
ސްރީލަންކާގައި ތިއްބަވާ ޢަރަބި އިސްލާމީ ގައުމުތަކުގެ ސަފީރުން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، ޝަރަފުގައި ދެއްވި މެންދުރުގެ ފަރީއްކޮޅެއްގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މިފަރީއްކޮޅު އޮތީ ޔުނައިޓަޑް ޢަރަބި އެމިރޭޓްސްގެ އެމްބެސެޑަރު ހިޒް އެކްސެލެންސީ މުޙަންމަދު އަލް މަޙްމޫދްގެ ރަސްމީ ގެކޮޅުގައެވެ.
މިޙަފްލާގައި، އެމިރޭޓްސްގެ ސަފީރުގެ އިތުރުން ސުޢޫދީ ޢަރަބިއްޔާގެ އެމްބެސެޑަރު ޢަބްދުލްއަޒީޒް ބިން ޢަބްދުއްރަޙްމާން އަލް ޖައްމާޒާއި ކުވެއިތުގެ ސަފީރު ޔައުޤޫބް ޔޫސުފް އަލް އަތީކީ އާއި މިޞްރުގެ އެމްބެސެޑަރު ފައުޒީ މުޙައްމަދު އެލް ސަޢީދު ގޯޙަރާއި އިރާޤުގެ އެމްބެސެޑަރު ގަޙްތާން ޠާޙާ ޚަލަފް ކަލީ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ފަލަސްތީނާއި ލީބިޔާގެ ސަފީރުންގެ ނާއިބުންވެސް ބައިވެރިވެވަޑައިގަތެވެ.
މީގެ އިތުރުން ސްރީލަންކާގެ މުސްލިމުންގެ ލީޑަރެއްކަމުގައިވާ އެޤައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓަރު އޭއެޗްއެމް. ފައުޒީ އާއި ސްރީލަންކާއަށް ވަޑައިގެން އުޅުއްވި ރާއްޖޭގެ މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދް ވެސް ބައިވެރިވެވަޑައިގަތެވެ.
ސްރީލަންކާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މައުމޫން ވަނީ މިރޭ މާލެ ވަޑައިގެންފަ އެވެ.