އިންޑިއާގެ ޕާލިމެންޓްގެ ކުރީގެ މެންބަރަކު، އެގައުމުގެ ބައެއް ޓީވީ ސްޓޭޝަންތަކަށް އިންޓަވިއުއެއް ދޭން ހުއްޓާ ބަޑި ޖަހައި މަރާލައިފިއެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ޕްރަޔާގްރާޖުގައި އެ ހާދިސާ ހިނގީ، އެގައުމުގެ ޕާލިމެންޓުގައި އެ ސްޓޭޓުގެ ދާއިރާއެއް ތަމްސީލް ކުރި އާތިކް އަހުމަދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެ ނޫސްވެރިންނާ ވާހަކަދައްކަން ހުއްޓައެވެ. އޭރު އޭނާގެ ކައިރީގައި އޭނާގެ ކޮއްކޮ މުހައްމަދު އަޝްރަފް ވެސް ހުއްޓެވެ.

އެ ދެ މީހުންގެ ކައިރީގައި ފުލުހުން ތިބި އިރު، ދެ މީހުންގެ އަތުގައި ވެސް ވަނީ ބިޑި އަޅުވާފައެވެ.

އެ ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އާތިކް ވާހަކަ ދައްކަން ހުއްޓާ އޭނާގެ ބޮލާ ވަރަށް ކައިރިން ބަޑި ޖަހާ މަންޒަރު ފެނެއެވެ. އެއާއެކު އޭނާ ވެއްޓުމުން ވެސް ބަޔަކު ބަޑި ޖަހާ މަންޒަރު ފެނެއެވެ. އެއަށް ފަހު އަޝްރަފް ވެސް ބިންމައްޗަށް ވެއްޓޭތަން ވީޑިއޯތަކުން ފެނެއެވެ.

ފުލުހުން ބުނި ގޮތުގައި އެ ހަމަލާ ދިނީ ނޫސްވެރިން ކަމަށް ހެދިގެން ތިބި ތިން މީހެކެވެ. އެމީހުން އެ ސަރަހައްދަށް ދިޔައީ ސައިކަލުގައި ކަމަށާއި ހަމަލާއަށް ފަހު އެމީހުން އަމިއްލައަށް ފުލުހުންނާ ހަވާލުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އާތިކްއަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހެއްގެ އިތުރުން، ޖިނާއީ ގިނަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހެކެވެ. އެގޮތުން މަރުގެ މައްސަލައެއްގައި އޭނާގެ މައްޗަށް އެންމެ ފުރަތަމަ ތުހުމަތު ކުރީ 1979 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ ޕްރަޔާގްރާޖުގައި ނުފޫޒު ގަދަ މީހަކަށް ވެފައެވެ.

އާތިކް އެންމެ ފުރަތަމަ އިންތިޚާބުވީ އުއްތަރަ ޕްރަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށެވެ. އެއީ 1989 ވަނަ އަހަރެވެ. އޭނާ އެ ގޮނޑި ފަސް ދައުރަށް ދިފާއުކުރިއެވެ. އެއަށް ފަހު 2004 ވަނަ އަހަރު އޭނާ ފެޑެރަލް އިންތިޚާބުގައި ވާދަކޮށް، ގައުމީ ޕާލިމެންޓުން ގޮނޑިއެއް ހޯދިއެވެ. އޭރު ވެސް އޭނާއާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އޭގެ ތެރެއިން، ޔުނިވާސިޓީއެއްގެ މުވައްޒަފުންތަކަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރު އޭނާ ހައްޔަރުކުރިއެވެ. އަދި 2007 ވަނަ އަހަރު މީހަކު ރަހީނުކޮށް އެ މީހާއަށް އަނިޔާކުރި މައްސަލައެއްގައި އަތީކް އުމުރަށް ޖަލަށް ލާން، މިދިޔަ މަހުގެ 28ގައި އުއްތަރަ ޕްރަދޭޝްގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ.

އަތީކް މަރާލިއިރު، އޭނާއާއި އޭނާގެ ކޮއްކޮ ހިމެނޭ ގޮތަށް ފުލުހުން ދިޔައީ މަރުގެ މައްސަލައެއް ބަލަމުންނެވެ. އެއީ 2005 ވަނަ އަހަރު މަރާލާފައިވާ މަޖިލިސް މެމްބަރެއް ކަމަށްވާ ރާޖޫ ޕާލްގެ ޝަރީއަތުގައި ހެކިވެރިއެއްގެ ގޮތުގައި ހުރި، އުމޭޝް ޕާލް ކިޔާ މީހަކު މިދިޔަ ފެބްރުއަރީ މަހު މަރާލި މައްސަލައެކެވެ.

ރާޖޫ ޕާލްއަކީ 2004 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބެއްގައި އަޝްރަފްގެ މައްޗަށް ކުރި ހޯދި ކެންޑިޑޭޓެކެވެ. އޭގެ އަހަރެއް ފަހުން އޭނާ މަރާލީ އާތިކް އާއި އަޝްރަފް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

އުމޭޝް ޕާލް މަރާލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު، އޭނާގެ ގެ ކައިރީ ހުއްޓާ ބަޔަކު ބަޑިން ހަމަލާ ދީގެންނެވެ. އެ މައްސަލައިގައި ވެސް ތުހުމަތު ކުރެވެނީ އާތިކް އާއި އަޝްރަފްއަށެވެ.

މީގެ އިތުރުން ހަމަ އެ މައްސަލައިގައި ފުލުުހުން ދިޔައީ އާތިކްގެ ދަރިފުޅު އަސަދު ހޯދަމުންނެވެ. އެ ތަހުގީގުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު އަސަދު ހޯދުމުން، އޭނާ އާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި، ބަޑީގެ ހަމަލާތަކުގައި އަސަދު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔާނަތު ވަނީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދިޔުމަށް އަންގަވައި، އެ މައްސަލައަށް ޚާއްސަ ޖޫޑީޝަލް ކޮމިޝަނެއް އެކުލަވާލުމަށް ވެސް އިރުޝާދު ދެއްވާފައެވެ.

އެ ހަމަލާއާ ގުޅިގެން ޕްރަޔާގްރާޖުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިންޓަނެޓް ޚިދުމަތަށް ވެސް ވަނީ ހުރަސްއަޅާފައެވެ.

އެ ދެ މީހުންގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.