ވޮޝިންޓަން (އޭޕްރީލް 16): އީލޯން މަސްކްގެ ސްޕޭސްއެކްސްއަށް ފުރަތަމަ ފަހަރަށް ސްޓާޝިޕް ރޮކެޓް އޯބިޓްއަށް ފޮނުވާލުމުގެ ހުއްދަ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)އިން ދީފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ.

އެފްއޭއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ސްޕޭސްއެކްސްއަށް ލައިސެންސް ދޭން ނިންމީ، ކަމާ ގުޅުންހުރި ދިރާސާތައް ހެދުމަށް ފަހު، އެ ރޮކެޓް ފޮނުވަން ސްޕޭސްއެކްސްގެ ޝަރުތުތައް ފުރިހަމަވާ ކަމަށް ބެލެވުމުންނެވެ.

ޓެކްސަސްގެ ބޮކާ ޗިކާގައި ހުންނަ ސްޕޭސްއެކްސްގެ ސްޓާބޭސް ރޮކެޓް ފެސިލިޓީތަކުން ރޮކެޓް ލޯންޗު ކުރުން އިއްޔެއަށް ހަމަޖައްސާފައި އޮތް ނަމަވެސް އެކަން ފަހުން ވަނީ ފަސްކޮށްފައެެވެ.

ސްޕޭސްއެކްސް އަކީ ސްޕޭސް އެކްސްޕްލޯރޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައިވާ ކުންފުންޏެކެވެ. އެއީ އިންސާނުން އެހެން ޕްލެނެޓްތަކަށް ގެންދިޔުމުގެ ތަސައްވުރާއެކު ވިޔަފާރިވެރިޔާ މަސްކް 2002 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

ސްޕޭސްއެކްސްއިން ވަނީ ފެލްކަން 9، ފެލްކަން ހެވީ، ޑްރެގަން، އަދި ސްޓާލިންކް ފަދަ އާ ރޮކެޓްތަކާއި ޖައްވީ އުޅަނދުތައް ތަރައްގީކޮށް ފޮނުވާލާފައެވެ.

ސްޕޭސްއެކްސްއިން ސްޓާޝިޕް ޕްރޮޖެކްޓްގެ މަސައްކަތް ވެސް ކުރަމުން އަންނައިރު، އެ މަޝްރޫއުގެ މަގުސަދަކީ ހަނދާއި މާސް އާއި އެއަށްވުރެ ދުރަށް މީހުންނާއި މުދާ އުފުލޭ ގޮތަށް ރީޔޫޒް ކުރެވޭ ސުޕަ ހެވީ ލިފްޓް ލޯންޗް ސިސްޓަމެއް އުފެއްދުމެވެ.