ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް، އާޓިފިޝަލް އިންޓެލިޖެންސްއަށް ޚާއްސަ އާ ކުންފުންޏެއް އެކްސް.އޭއައިގެ ނަމުގައި އުފައްދައިފިކަމަށް ދަ ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފިއެވެ.

މިދިޔަ މަހު އުފެއްދި އެ ކުންފުނީގެ ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުރީ މަސްކް ކަމަށްވާއިރު، ސެކްރެޓަރީގެ މަގާމުގައި ހުރީ މަސްކްގެ ފެމިލީ އޮފީހުގެ ޑިރެކްޓަރު ޖޭރެޑް ބިރްޗަލްއެވެ. މި ޚަބަރު ދަ ވާޖް އިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެގޮތުން މަސްކް އެ ވިޔަފާރި އުފެއްދީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށް ދަވާޖް އިން ރިޕޯޓްކޮށްފައިވެއެވެ.

މަސްކް އޭއައި ކުންފުންޏެއް އުފައްދާ ކަމުގެ ޚަބަރު ފެތުރިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ބިޒްނަސް އިންސައިޑާގެ ރިޕޯޓެއްގައި ވަނީ، އޭއައި ޕްރޮޑަކްޓަކަށް ކަރަންޓް ދިނުމަށް މަސްކް އެތައް ހާސް ގްރެފިކް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ) ގަނެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

ފައިނޭންޝަލް ޓައިމްސްއިން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި މަސްކް ރާވާފައި ވަނީ އޯޕަންއޭއައިއާ ވާދަކުރުމަށް އޭއައި ފަރުމާއެއް އުފައްދާށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މަސްކް އެ ކުންފުނި ފަށަން ސްޕޭސްއެކްސް އާއި ޓެސްލާގެ އިންވެސްޓަރުންގެ ފަރާތުން ވެސް ފައިސާ ހޯދިއެވެ.

މަސްކް 2015 ވަނަ އަހަރު އޯޕަންއޭއައިގެ ކޯ ފައުންޑާއެއްގެ ގޮތުގައި ހުރިނަމަވެސް 2018 ވަނަ އަހަރު އޭނާވަނީ އެމަގާމުން އިސްތިއުފާ ދީފައެވެ. އަދި އޯޕަންއޭއައިއާ ފާޅުގައި ދެކޮޅު ހަދައި، ދާދި ފަހުން ވަނީ "ޖަޔަންޓް އޭއައި އެކްސްޕެރިމެންޓްސް" ހަ މަސްދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. ފާއިތުވި މަސްތަކުގައި އޯޕަންއޭއައި ވެފައިވަނީ ޗެޓްޖީޕީޓީ އަދި ޖީޕީޓީ-4އާއެކު، މި ދާއިރާގައި ވަރަށް މަޝްހޫރު ނަމަކަށް ވެފައެވެ.

އޯޕަން އޭއައިއަކީ އިންސާނިއްޔަތަށް ފައިދާހުރި އާޓިފިޝަލް އިންޓެލިޖެންސް އުފައްދައި ޕްރޮމޯޓް ކުރުމުގެ އަމާޒު ހިފާފައިވާ ދިރާސާ ޖަމިއްޔާއެކެވެ. އޯޕަން އޭއައި އުފެއްދީ 2015 ވަނަ އަހަރު ޓެކް ވިޔަފާރިވެރިންނާއި ދިރާސާވެރިންގެ ގްރޫޕަކުންނެވެ. އެ ގުރޫޕުގައި މަސްކްގެ އިތުރުން ހިމެނުނީ ސޭމް އޮލްޓްމަން، އިލްޔާ ސުޓްސްކެވަ، އަދި ގްރެގް ބްރޮކްމަން އެވެ.

އޯޕަން އޭއައިގެ ތަސައްވުރަކީ އާޓިފިޝަލް އިންޓެލިޖެންސް އަކީ ހެޔޮ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއްކަން ކަށަވަރު ކުރުމެވެ. އޯޕަންއޭއައިއިން އާޓިފިޝަލް އިންޓެލިޖެންސްގެ އެކި ދާއިރާތަކުގެ ތެރެއިން ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިން، ކޮމްޕިއުޓާ ވިޝަން، ރިއިންފޯސްމަންޓް ލާނިން، އަދި ޖެނެރޭޓިވް މޮޑެލްސް ފަދަ ދާއިރާތަކުން ދިރާސާތައް ކުރެއެވެ. އަދި ކޮންމެ މީހަކަށް ވެސް އާޓިފިޝަލް އިންޓެލިޖެންސް ހޯދައި ބޭނުންކުރެވޭނެ އޯޕަން ސޯސް ސޮފްޓްވެއާތަކާއި ޓޫލްތައް ވެސް އޯޕަން އޭއައި އިން އުފައްދައެވެ.

އޯޕަން އޭއައިގެ ފާހަގަކޮށްލެވޭ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ގުޅިފައިވާ އަދި ތަފާތު ލިޔުންތައް އުފެއްދިދާނެ ބޮޑު ބަހުގެ މޮޑެލްއެއް ކަމަށްވާ ޖީޕީޓީ-3 އާއި ޓެކްސްޓް ޑިސްކްރިޕްޝަންތަކުން ތަސްވީރުތައް އުފެއްދިދާނެ ޖެނެރޭޓިވް މޮޑެލްއެއް ކަމަށްވާ ޑަލް-އީ އާއި އަދި ނެޗުރަލް ލެންގުއެޖް އަމުރުތަކުން ކޯޑް ލިޔެވޭ ނިޒާމެއް ކަމަށްވާ ކޯޑެކްސް ހިމެނެއެވެ.