ދަތުރެއް ދުރާލައި ރާވައިގެން، ޓިކެޓު ނަގާނަމަ އަގު ހެޔޮ ވާނެ ފަދަ ފުރުސަތެއް މޯލްޑިވިއަން އިން ފަށަން ނިންމައިފިއެވެ.

"ސަން" އާ ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން އަހްމަދު މުޝްއިލް ވިދާޅުވީ މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގު ބޮޑު ވުމާއި މެދު ޢާންމުންގެ ހުރި ކަންބޮޑުވުންތައް ކުޑަ ކުރުމަށް، ދުރާލާ ޓިކެޓު ނަގާ ފަރާތްތަކަށް އަގުހެޔޮ ފެއާ ތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، މިފަދައިން ނެގޭ އަގުހެޔޮ ޓިކެޓުތަކުގެ ސޭލްސް ފެށޭނީ އަންނަ މޭއި މަހުން ފެށިގެންނެވެ.

އެގޮތުން މި ކަމުގެ ތެރެއިން ފަސް ޕަސެންޓާއި 15 ޕަސެންޓުގެ ޑިސްކައުންޓް ރޭޓެއް، ގަންނަ ޓިކެޓުން ލިބޭނެ ކަމަށް މުޝްއިލް ވިދާޅުވިއެވެ.

މިފަދަ ޓިކެޓުތަކުގެ ގޮތުގައި ލިބޭނީ ފްލައިޓުގެ ފަސް ޕަސެންޓާއި ދިހަ ޕަސެންޓުގެ ސީޓުތަކަށެވެ.

މުޝްއިލް ވިދާޅުވީ، އެތެރޭގެ އުދުހުންތަކަށް ޚާއްސަ މި ފެއާ އަގުތަކަށް ފަސޭހަ ކުރުމުގެ ގޮތުން، މި ހަފުތާއިން ފެށިގެން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިމުމަކާ ހަމައަށް ފްލައިޓް ޝެޑިއުލް ވެސް ޢާންމުކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަ މަހުގެ ފްލައިޓް ޝެޑިއުލް ޢާންމުކުރާނަން ވެބްސައިޓުގައި. އެ ޝެޑިއުލް އާ އެއްގޮތަށް ޓިކެޓުތައް ނެގޭނެ،" މުޝްއިލް ވިދާޅުވިއެވެ.

މި އަގުހެޔޮ ޓިކެޓުތައް ނެގޭނީ ހަމައެކަނި އެ ކުންފުނީގެ ވެބްސައިޓް އަދި، މޯބައިލް އެޕުންނެވެ.

އޭނާ އިތުރަށް ވިދާޅުވީ ޑިމާންޑް ދަށް ތަންތަނަށް މި ކަމުގެ ތެރެއިން ޓިކެޓު އަގު ހެޔޮ ވާނެ ކަމަށެވެ.

މިފަދަ ފެއާ ޓިކެޓުތަކަކީ މޯލްޑިވިއަން އިން ބޭރުގެ މަންޒިލްތަކަށް ދަތުރުކުރާއިރު ޢާންމުކޮށް ބޭނުންކުރާ ކަމެކެވެ. މޯލްޑިވިއަންގެ އިތުރުން، ބޭރުގެ އެހެނިހެން އެއާލައިންތަކުން ވެސް، ދުރާލާ ޓިކެޓު ނަގާނަމަ އަގުހެޔޮ ވާނެއެވެ.