މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ދިޔާއެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓަކާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނޭ ވަޅިއަކާއެކު ދެމީހަކު ރ. އުނގޫފާރުން ހައްޔަރު ކޮށްފި އެވެ.

މަސްތުވާތަކެތިކަމަށް ތުހުމަތު ކުރެވޭ ދިޔާއެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓަކާ އެކު އުނގޫފާރު ބަނދަރު ސަރަހައްދުން މިއަދު މެންދުރު ހައްޔަރުކޮށްފައި ވަނީ އެއަތޮޅު ރަސްމާދޫ ރިޔާޒުގޭ، އަހުމަދު ސާމް،21 ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރަން އުޅުމުން އޭނާ ގެއަތުގައި އޮތް ސިނގިރޭޓްފޮއްޓެއް ދުރަށް އެއްލާލުމުން އޭނާގެ ހާޒިރުގައި ފުލުހުން އެ ފޮށި ހުޅުވިއިރު އޭގެތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ދިޔާއެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.

ފުލުހުން ބުނީ ސާމް ހައްޔަރުކުރި ވަގުތު އޭނާ ކައިރީގައި ހުރި އުނގޫފާރު، މޫނިމާގޭ، ހަސަން ހުސެއިން،21 ހައްޔަރުކޮށް އޭނާގެ ގެ ބަލައިފާސް ކުރިއިރު އެ ގޭގެ ތެރެއިން މާރާމާރީ ހިންގުމަށް ބޭނުންކުރާ ޒާތުގެ 16.5 އިންޗީގެ ދިގު ވަޅިއެއް ފެނިފައިވާ ކަމަށާއި އެއީ އާންމުކޮށް ބޭނުންކުރާ ވަޅި އާއި މުޅިން ތަފާތުގޮތަކަށް އޮތް ވަޅިއެއްކަމަށެވެ.

ފުލުހުން ބުނީ އެ ދެމީހުން މިހާރުވެސް ތިބީ ހައްޔަރުކޮށްފައި ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށެވެ.