އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން ބަލިވެ ޗެލްސީއަށް އިތުރު ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ރޭ ޗެލްސީ ކުޅުނު މެޗަކީ އެ ޓީމު ލީގުގައި ނެރެމުންދާ ނަތީޖާ ދަށްވުމުގެ ސަބަބުން ކުރި އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ގަރަމް ޕޮޓާ މަގާމުން ވަކިކޮށް ހާލަތު ބަދަލުކުރުމަށް ގެނައި އާ ކޯޗު ފްރޭންކް ލަމްޕާޑުގެ ދެވަނަ މެޗެވެ.

އޭނާ އަލުން ޗެލްސީގެ ކޯޗުކަމާ ހަވާލުވެ މިމަހުގެ އަށްވަނަ ދުވަހު ވޯލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ބްރައިޓަންއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނަގައިފައިވަނީ ޗެލްސީއިންނެވެ. އެ ގޯލަކީ މެޗުގެ 11ވަނަ މިނެޓުގައި ޗެލްސީގެ ކޯނާ ގަލަގާ ފޮނުވާލި ހަމަލާ ބްރައިޓަންގެ ގޯލަށް ވަނީ އެ ޓީމުގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައެވެ.

ނަމަވެސް މެޗުގެ 42ވަނަ މިނެޓުގައި ބްރައިޓަންއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލަކީ ބޮލުން ޑެނީ ވެލްބެކް ޖެހި ގޯލެކެވެ.

އެ ޓީމުން މެޗުގެ ލީޑު ނެގީ 69ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ޒުވާން މިޑްފީލްޑަރު ޖޫލިއޯ އެންކިސޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ބްރައިޓަންގެ އެ މޮޅާ އެކު އެ ޓީމު ވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލައިފައެވެ. އެ ޓީމު ހަތްވަނައިގައި އޮތީ ކުޅުނު 29 މެޗުން 49 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ޗެލްސީ އޮތީ ތާވަލުގެ 11ވަނައިގައެވެ. 31 މެޗު ކުޅެ އެ ޓީމަށް ލިބުނީ 39 ޕޮއިންޓެވެ.