ކަސްރަތު ކުރާ މީހުންނަށް ޕުޝްއަޕް ޖެއްސުމަކީ ކިހާވަރެއްގެ ކަމެއް ކަން އެނގޭނެއެވެ. އަދި ގިނަ އަދަދަކަށް ޕުޝްއަޕް ޖައްސަން ބޭނުންވާ މީހުންނަށް މިއީ ކިހާ ބާރެއް ބޭނުންވާ ކަމެއްކަން އެނގޭނެއެވެ. މިއޮތީ ޕުޝްއަޕް ޖައްސައިގެން ބޮޑު ރެކޯޑެއް ގާއިމުކޮށްފައެވެ. ހަމަ ގައިމުން ވެސް ގިނަ މީހުންނަށް މި އަދަދާ ގާތް ވެސް ނުކުރެވޭނެއެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ 33 އަހަރުގެ ބައްޕައެއް ކަމަށްވާ ލޫކަސް ހެމްކީ ވަނީ ޕުޝްއަޕް ހަދައިގެން ރެކޯޑެއް ގާއިމުކޮށް، ގިނެސް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ. ނަމަވެސް ލޫކަސް ޕުޝްއަޕް ޖައްސާފައިވަނީ ކޮންމެ މީހަކަށް ޖެއްސޭ ވަރަށް ވުރެ ގިނައިންނެވެ.

ލޫކަސް އެ ރެކޯޑު ގާއިމުކޮށްފައި ވަނީ އެއް ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ޕުޝްއަޕް ޖައްސައިގެންނެވެ. އޭނާ ވަނީ އެއް ގަޑިއިރުގެ ތެރޭގައި 3،206 ފުރިހަމަ ޕުޝްއަޕް ޖައްސާފައެވެ. އެއީ މިނެޓަކަށް ބަލާ ނަމަ ކޮންމެ މިނެޓެއްގައި 53 ވަރަކަށް ޕުޝްއަޕްއެވެ. މީގެ އިތުރުން ފުރިހަމަ ނުވާ ޕުޝްއަޕްތައް އޭގެތެރޭގައި ހިމެނެއެވެ.

މި ރެކޯޑު ގާއިމުކުރުމުގައި ވަރަށް ގިނަ ގަވާއިދުތަކަކަށް ބަލާފައިވެއެވެ. އެގޮތުން ކޮންމެ ޕުޝްއަޕްއަކީ ވެސް ފުރިހަމަ ޕުޝްއަޕް އަކަށް ވާން ޖެހެއެވެ. މިކަމަށްޓަކައި ހަށިގަނޑު ތެދަށް ބަހަށްޓައި ކަކޫ އަދި އުނަގަނޑު އެއްވެސް ވަރަކަށް ލަންބައިގެން ނުވާނެއެވެ.

އެއް ގަޑިއިރުގެ ތެރޭގައި ލޫކަސް ވަނީ ޖުމްލަ 3،240 ޕުޝްއަޕް ޖައްސާފައެވެ. ނަމަވެސް ފުރިހަމަ ފޯމް ނެތުމުގެ ސަބަބުން 34 ޕުޝްއަޕް އެއް ވަނީ ރެކޯޑުން ނަގާފައެވެ. އެއާއެކު ރެކޯޑު އަދަދު 3،206 ޕުޝްއަޕްއަށް ތިރިވިއެވެ. މިއީ ވެސް ކުރިން ރެކޯޑު އޮތް މީހާއަށް ވުރެ މަތީ އަދަދެކެވެ.

ލޫކަސްގެ ކުރިން މި ރެކޯޑު ހަދާފައިވަނީ ވެސް އޮސްޓްރޭލިއާ މީހެކެވެ. އޭނާ ގާއިިމުކޮށްފައިވާ ރެކޯޑަކީ 3،182 ޕުޝްއަޕް ޖައްސައިގެން ގާއިމުކުރި ރެކޯޑެކެވެ.