16 Apr 2023, 09:41
އެމޭޒަން ޕްރައިމްއިން 'ޑާންސިންގް އޮން ދަ ގްރޭވް'ގެ ނަމުގައި އުފައްދާ ފުރަތަމަ އިންޑިއާ ކްރައިމް ޑޮކިއުމަންޓްރީއަށް ތައްޔާރުވެއްޖެއެވެ.
ހަތަރު ބަޔަށް ބަހާލައިގެން އުފައްދާ މި ޑޮކިއުމަންޓްރީ ސީރީސްއަކީ އިންޑިއާއިން ބޭރު ޤައުމުތަކަށް އަމާޒުކޮށްގެން އެމޭޒަންއިން އުފައްދާ މިފަދަ ފުރަތަމަ ޑޮކިއުމަންޓްރީއެވެ. އިންޑިއާ ޓުޑޭ އޮރިޖިނަލްސް ޕްރޮޑަކްޝަންއިން ޕްރޮޑިއުސްކުރާ މިޑޮކިއުމަންޓްރީއަކީ، 90އިގެ އަހަރުތަކުގެތެރޭގައި އިންޑިއާގެ ބެންގަލޫރުގައި އަނިޔާވެރިގޮތަކަށް މަރާލި ޝަކީރޭ ނަމާޒީގެ މަރުގެ ހާދިސާ ގެނެސްދޭ ސީރީސްއެކެވެ.
ޕިލާންތްރޮޕިސްޓް އަދި ރިއަލް އެ ސްޓޭޓް ޑިވެލޮޕާ ޝަކީރޭގެ މަރުގެ ޙަޤީޤަތް އިންޑިއާގެ ފުލުހުންނަށް ހޯދުނީ އޭނާ ގެއްލިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. އިންޑިއާގެ މައިސޫރުގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ ޝަކީރޭގެ ޙަޔާތުގެ ވާހަކަތަކާއެކު އޭނާ ގެއްލުމަށްފަހު ކަންތައްތައް ހިނގާދިޔަގޮތް މިޑޮކިއުމަންޓްރީ ސީރީސްއިން ބެލުންތެރިންނަށް ދައްކުވައިދޭނެއެވެ.
މީގެ 30 އަހަރުކުރިން ހިނގާދިޔަ މި ހާދިސާއަކީ އިންޑިއާގެ ތާރީޚުގައި ވެސް ރަތް އަކުރުން ލިޔެވިފައިވާ ގިނަ ބައެއްގެ ހިތަށް ބިރުވެރިކަން ގެނުވި ހާދިސާއެކެވެ. އިންޑިއާ އޮރިޖިނަލްސްގެ އިސް ވެރިޔާ އަޕަރްނާ ޕުރޯހިތް ބުނެފައިވަނީ، މި ޑޮކިއުމަންޓްރީ އެމޭޒަން ޕްރައިމްއާ ގުޅިގެން ގެނެސްދޭން ނިންމާފައިވަނީ ބެލުންތެރިންގެ ގިނަ ބަޔަކު ޑޮކިއުމަންޓްރީ ބެލުމަށް ދީފައިވާ ޝައުޤުވެރިކަން ބޮޑުކަމުންނެވެ.
މިއީ މިފަހުގެ ޖީލުތަކަށް ކޮންމެހެން ވެސް އެނގެންޖެހޭ ވާހަކައެއްކަމަށް ޤަބޫލުކުރާކަމަށް އަޕަރްނާ ވަނީ ބުނެފައެވެ. މި ސީރީސް އުފެއްދުމަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ހޯދަން ޖެހުނުކަމަށާއި މާޒީގެ ގިނަ ސޮފްހާތަކެއް ފުރޮޅާލަން ޖެހުނަކަމަށް އަޕަރްނާ ވަނީ ބުނެފައެވެ. އިންޑިއާގެ އިތުރުން އިތުރު 240 ޤައުމެއްގައި މިސީރީސް ޕްރިމިއާކުރާނެކަމަށް އެމޭޒަން ޕްރައިމްއިން ވަނީ ބުނެފައެވެ.