މިދިޔަ އަހަރުގެ އެންމެ ބޮޑު އެއް ޓީވީ ޝޯ ކަމަށްވާ "ހައުސް އޮފް ޑްރެގަން"ގެ ދެވަނަ ސީޒަންގެ ޝޫޓިންގެ ޑިލޭ ތަކެއް ވުމަށް ފަހު އެންމެ ފަހުން ފަށައިފިއެވެ.

އެޗްބީއޯގެ އެންމެ ބޮޑު ޝޯ ކަމަށްވާ "ގޭމް އޮފް ތުރޯންސް" ދުނިޔެއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހައުސް އޮފް ޑްރެގަންގެ ފުރަތަމަ ސީޒަން ނިމިފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގައެވެ. އެއާ އެކު ފޭނުން ތިބީ ޝޯގެ ދެވަނަ ސީޒަނަކަށް ކެތްމަދުވެފައެވެ. އަދި, ދެވަނަ ސީޒަން ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ބަޔަކު އެބަތިއްބެވެ.

އެކި ލީކުތަކުން ހާމަވާގޮތުގައި ޝޯގެ ދެވަނަ ސީޒަން ދައްކަން ފަށާނީ އަންނަ އަހަރުގެެ މެދު ތެރޭގައި ނުވަތަ ފަހުކޮޅުގައެވެ. އެއާ އެކު މި އަހަރުގެ ފެބްރުއަރީގައި ޝޯގެ ދެވަނަ ބައިގެ ޝޫޓިން ފެށުމަށް ވަނީ ފުރަތަމަ ހަމަޖެހިފައެވެ. ނަމަވެސް އޭގެ ފަހުން އެކި ސަބަބުތަކާ ހުރެ ޝޫޓިން ނުފެށި ވަނީ ލަސްވާ ގޮތް ވެފައެވެ.

ހައުސް އޮފް ޑްރެގަންގެ ޝޯރަނާއިން ބުނާ ގޮތުގައި ޝޯގެ ޝޫޓިން ވަނީ މިހާރު ފަށައިފައެވެ. އަދި، ޝޯގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެެނޭ އެކްޓަރުން ވެސް ވަނީ މިހާރު ހަމަވެފައި ކަމަށް ޝޯ ރަނާއިން ބުނެއެވެ.

ޝޯގެ ޝޫޓިން ކުރިއަށް ދާނީ ސްޕެއިންގެ ކާސެރޭސްގައެވެ. އަދި، ޝޯއިން ފެންނަ ގަނޑުވަރުތަކުގެ ބައެއް މަންޒަރުތައް ނަގާފައިވާނީ ވެސް އެ ސަރަހައްދުގައި ހުންނަ ގަނޑުވަރެއްގައެވެ. ޝޯގެ ދެވަނަ ސީޒަންގެ ޝޫޓިން ކުރިއަށް ދާނީ ޖޫން މަހުގެ ނިޔަލަށެވެ. އެއަށް ފަހު ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރިއަށް ދާނެއެވެ.

ޝޯގެ ދެވަނަ ސީޒަނަށް، ލީޑު ކާސްޓުންގެ ގޮތުގައި އެމާ ޑާސީ އާއި އޮލިވިއާ ކުކް އަދި މެޓް ސުމިތު އާއި އެވަން މިޗެލް ފެންނާނެއެވެ.