ފިލްމު 'ބޭންޑް ބާޖާ ބާރާތް'އިން 2010ވަނަ އަހަރު ފިލްމީ ދުނިޔެއަށް ނުކުތް އެކްޓަރު ރަންވީރު ސިންގްއާއެކު މި ވަގުތަށް މަސައްކަތް ނުކުރުމަށް ޔަޝް ރާޖް ކުންފުނިން ނިންމާފައިވާކަމަށް ފަހުގެ ރިޕޯޓުތައް ބުނެފިއެވެ.

ޔަޝް ރާޖް ފިލްމްސްއިން މީގެ 13 އަހަރުކުރިން ތައާރަފްކުރި އެކްޓަރާއެކު ވަގުތީގޮތުން މަސައްކަތް ހުއްޓާލުމަށް އެކުންފުނިން ނިންމާފައިވަނީ ވޭތުވެދިޔަ ދެ އަހަރު ރިލީޒްވި ރަންވީރުގެ ފިލްމުތަކަށް ލިބުނު ތަރުހީބު ކުޑަ ކަމުންނެވެ.

ކޮވިޑް-19އިގެ ޕެންޑަމިކްއަށްފަހު ރަންވީރު ސިންގްގެ ތިން ފިލްމެއް ވަނީ ރިލީޒްވެފައެވެ. އެއީ 2021ގައި ރިލީޒްވި '83'، އަދި މިދިޔަ އަހަރު ރިލީޒްވި ފިލްމު 'ޖަޔޭޝްބާއި ޖޯދާ' އަދި ' ސާކަސް'އެވެ.

މި ތިން ފިލްމަށް ވެސް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލިބުނުތާ ފިލްމަށް ބޮކްސް އޮފީހުގައި ވެސް އެދެވޭ ކާމިޔާބީއެއް ނުލިބެއެވެ. ޔަޝް ރާޖް ފިލްމްސް ކުންފުންޏާ ހަވާލާދީ ނޫސްތަކުން ބުނާގޮތުގައި އެ ކުންފުނީގެ ޗެއާމަން އަދި ޑައިރެކްޓަރު އަދިތްޔަ ޗޯޕްރާގެ ހުރިހާ ސަމާލުކަމެއް ވެސް މި ވަގުތު ހުރީ އެކުންފުނީގެ ސްޕައި ޔުނިވާސްގެ އުފެއްދުންތަކަށެވެ.

މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރި ފިލްމު 'ޕަތާން'ގެ ކާމިޔާބީއަށްފަހު ސްޕައި ޔުނިވާސްއިން ތައްޔާރުވަމުން އަންނަނީ ސަލްމާން ޚާންގެ 'ޓައިގާ3" ސިނަމާތަކަށް ގެނައުމަށެވެ. ޔަޝް ރާޖް ފިލްމްސްއިން މިހާތަނަށް ރަންވީރު ސިންގް ހިމަނައިގެން އުފެއްދި ހަ ފިލްމުތަކުގެތެރެއިން ބެލުންތެރިންގެ ތަރުހީބު ލިބިފައިވަނީ 2014ވަނަ އަހަރު ރިލީޒްކުރި ފިލްމު 'ގުންޑޭ'އަށެވެ. އެހެންކަމުން ކުރިޔަށް އޮތް ތަނުގައި ނޮން ސްޕައި ޔުނިވާސްގެ ފިލްމުތަކުން ރަންވީރު ސިންގްއަށް ފުރުސަތު ލިބުމަކީ ނާދިރު ކަމެކެވެ.

މިހާތަނަށް އެކްޓަރު ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާއެކު ކުޅުނު ތިން ފިލްމަށެވެ. މިތިން ފިލްމުގައިވެސް ރަންވީރުއާއެކު ބަތަލާގެ ރޯލް ކުޅެފައިވަނީ ދިޕިކާ ޕަދުކޯންއެވެ. މި ފިލްމުތަކުގެ ބޭރުން 2018ވަނަ އަހަރު ރިލީޒްވި ފިލްމު 'ސިމްބާ' އަދި 2019ވަނަ އަހަރު ރިލީޒްވި ފިލްމު 'ގައްލީ ބޯއި'އަކީވެސް ރަންވީރުގެ ކެރިއަރުގައި ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމެވެ.