ގުރައިދޫ ދާއިރާގެ ގޮނޑި، އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބު ކުރެއްވުމުން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރެވޭ އުއްމީދު އައު ވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ 14 އަހަރު ވެސް ރައްޔިތުންގެ މަޖިލީހުގައި ގުރައިދޫ ދާއިރާ ތަމްސީލުކުރެއްވީ މަރުހޫމް އިބްރާހީމް ރިޒާއެވެ. އެހެންވެ، މިއީ 14 އަހަރަށް ފަހު ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ.

ޝާޒަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ދަންނަވާ ފައްޔާރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ކެންޕެއިން މެނޭޖަރާއި މުޅި ޓީމް ގުޅިގެން ކުރި މަސައްކަތަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި ކާމިޔާބީ އަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި މި ސަރުކާރަށް އޮތް ތާއިދު ރަމްޒުކޮށްދޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

ފައްޔާޒު ވަނީ މި ބައިއިލެކްޝަން ކާމިޔާބު ކުރުމަށް އިދިކޮޅު ޕީޕީއެމާއި އެމްއެންޕީން ކުރި ހިތްވަރު ފާހަގަ ކުރައްވާފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީގެ އިތުރުން ޕީޕީއެމާއި އެމްއެންޕީން ވެސް ވާދަކުރިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިފައިވަނީ 1226 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓަށް 1346 ވޯޓު ލިބުނު އިރު އެމްއެންޕީގެ ކެނޑިޑޭޓަށް ލިބުނީ 122 ވޯޓެވެ. މި އިންތިހާބުގައި ޖުމުލަ 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު ވޯޓު ލާފައިވަނީ 2755 މީހުންނެވެ.