15 Apr 2023, 23:21
އެމެރިކާ ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް ލީކުކޮށްލި މީހާ ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 21 އަހަރުގެ ޖެކް ޓެޝޭރާ ނަމަކަށް ކިޔާ ޒުވާނެކެވެ.
ޓެޝޭރާއަކީ ވީޑިއޯ ގޭމް ކުޅޭ މީހުންނަށް ހާއްސަ ސޯޝަލް މީޑިއާއެއް ގޮތުގައި ލޭބަލްވެފައިވާ، ޑިސްކޯޑްގައި ޗެޓްރޫމެއް ހިންގާ މީހެކެވެ. އޭނާ ސިއްރު ލިޔެކިޔުންތައް ލީކުކޮށްލާފައި ވަނީ އެ ޗެޓް ރޫމް މެދުވެރިކޮށެވެ.
ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސިއްރު ލިޔެކިޔުންތައް ލީކުކޮށްލީ ޓެޝޭރާކަން އެފްބީއައިއިން ދެނެގަތީ ޑިސްކޯޑުގެ ބިލިން ރެކޯޑުތައް ހޯދައިގެންނެވެ.
ޓެޝޭރާ ހައްޔަރު ކުރީ އެމެރިކާގެ އިރުއުތުރުގައިވާ މެސެޗުސެޓްސް ސްޓޭޓްގައި ހުންނަ އޭނާގެ ގޭގައި ހުއްޓައެވެ. އެފްބީއައި އިން ކުރި ތަހުގީގަކަށްފަހު އޭނާ ހައްޔަރު ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެއަށްފަހު ބޮސްޓަންގެ ފެޑެރަލް ކޯޓަށް އޭނާ ހާޒިރުކޮށްފައިވަނީ ހުކުރު ދުވަހުއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ޕެންޓަގަންގެ ސިއްރު ލިޔެކިޔުންތައް ލީކުވި މައްސަލައިގައި ޓެޝޭރާގެ މައްޗަށް ކުރަނީ، ގައުމީ ދިފާއީ މައުލޫމާތު ހުއްދަ ނެތި ހިފެހެއްޓުމާއި ޓްރާންސްމިޓް ކުރުމާއި ސިއްރު މައުލޫމާތާއި ދިފާއީ ތަކެތި ހުއްދަ ނެތި އާންމުކުރުމުގެ ދައުވާއެވެ.
ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޓެޝޭރާ އައީ ޕެންޓެގަންގެ ސިއްރު ލިޔެކިޔުންތަކާ ބެހޭ މައުލޫމާތު އޮންލައިންކޮށް އާންމުކުރަމުންނެވެ. އަދި މި ލިޔެކިޔުންތަކުގެ ފޮޓޯތައް އާންމުކުރަން ފަށާފައިވަނީ ޖެނުއަރީ މަހުއެވެ.
ޓެޝޭރާއަކީ 2021 ވަނަ އަހަރުން ފެށިގެން ޓޮޕް ސީކްރެޓް ކްލިއަރެންސް އެއް އޮންނަ މީހެކެވެ. އަދި އޭނާއަކީ އެހެނިހެން ސިއްރު ލިޔެކިޔުންތަކަށް ސެންސިޓިވް ކޮމްޕާޓްމަންޓެޑް އެކްސެސް (އެސްސީއައި) ބެލެހެއްޓި މީހެއް ވެސްމެއެވެ.
އެގޮތުން އޮންލައިން ސާވާ ޑިސްކޯޑްގައި ޖެކް އާންމުކުރި ގިނަ ސިއްރު ލިޔެކިޔުންތަކުގައި "ޓޮޕް ސީކްރެޓް" ލިޔެފައިވެއެވެ.
މި ލިޔެކިޔުންތަކުން ރަޝިއާއާއި ޔުކްރެއިން އާ ދެމެދު ހިނގާ ހަނގުރާމައިގެ ތެރެއިން ޔުކްރެއިން ސިފައިންނަށް އެހީތެރިވުމަށް ނޭޓޯގެ ސިފައިން ހަރަކާތްތެރިވަމުންދާކަން ވަނީ ހާމަވެފައެވެ.